ނައިޖީރިއާގައި ކުކުޅާއި ކުކުޅު ބިސް ވަގަށް ނެގި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ގައިދީއަކަށް 10 އަހަރަށް ފަހު މައާފު ދޭން ނިންމައިފިއެވެ.
އެފްރިކާ ނިއުސް އިން ބުނާ ގޮތުގައި އޮސުން ސްޓޭޓްގެ ގަވަރުނަރު އަޑެމޯލާ އަޑެލޭކޭ ވަނީ ސެގުން އޮލޫވޮކިރީ ކިޔާ ގައިދީއަކު ދޫކޮށްލާނެކަން އިއުލާން ކުރައްވާފައެވެ.
ސެގުން އޮލޫވޮކިރީ އަކީ ކުކުޅާއި ބިސް ވަގަށް ނެގި މައްސަލައިގައި އުމުރުން 17 އަހަރުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
2010 ވަނަ އަހަރު އޮލޫވޮކެރޭ އާއި އޭނާގެ އެކުވެރިޔާ މުރާކިނޯ ސަންޑޭގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ލަކުޑި ބަޑިއަކާއި ކަނޑިއެއް ހިފައިގެން ފުލުހެއްގެ ގެއަށް ވަދެ ކުކުޅު ބިސް ވަގަށް ނެގިކަމެވެ.
މި ހާދިސާއަށް ފަހު 2014 ވަނަ އަހަރު ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން މީހުން ނުރުހުން ވެސް ފާޅުކުރިއެވެ.
ކޯޓުގެ ހުކުމް އިއްވި ފަހުން ކަރިކެރީގެ މެކްސިމަމް ސެކިއުރިޓީ ޖަލުގައި އޮލޫވޮކެރޭ ބަންދުކޮށްފައިވާއިރު އޭނާ ހުރީ މަރުގެ އަދަބު ދިނުމުގެ އިންތިޒާރުގަ އެވެ.
އޮސުން ސްޓޭޓްގެ ގަވަރުނަރު އަޑެމޯލާ އަޑެލޭކޭ ވަނީ މަޢާފުގެ މަރުޙަލާ ފެށުމަށް ނައިޖީރިއާގެ ކޮމިޝަނަރު ފޯ ޖަސްޓިސްއަށް އަންގާރަ ދުވަހު އަންގާފަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސެގުން އޮލޫވޮކިރީ 2025 ވަނަ އަހަރުގެ ކުރީކޮޅު ދޫކޮށްލާނެ ނަމަވެސް އޭނާގެ އެކުވެރިޔާ މޮރާކިނޯ ސަންޑޭއާއިމެދު އަދި ގޮތެއް ނުނިންމަ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ 2012 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގައި އެއްވެސް ކުށްވެރިއަކު މަރުގެ އަދަބު ދީފައި ނުވާއިރު މިވަގުތު 3،400 އަށް ވުރެ ގިނަ ގައިދީން މަރުގެ ޙުކުމްގެ އިންތިޒާރުގައި ތިބިކަމެވެ.