މާލޭގައި ފެން ބޮޑުވެ ވެލި ބަސްތާޖެހަން ސިފައިން ފަށައިފި
ދެންމެ | 21 ޑިސެމްބަރ 2024

ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ވެލި ބަސްތާޖެހުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރުން ފަށައިފިއެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ގޭބިސީތަކަށް ފެން ނުވަންނާނެގޮތަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ. ވެލިބަސްތާ ޖެހުމުގެ އިތުރުން ސިފައިންދަނީ ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މާލޭގެ 5 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން ދާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެެވެ.

ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި ކޮޅިގަނޑެއް އުފެދުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވަނީ މޫސުން ގޯސްވެފައެވެ. މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވާ ގޮތުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފަށަން ގާތްވެފައިވާތީ ދެ މޫސުން ބައްދަލުވާ ދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު ބޮޑެވެ.

އަދި މިހާރު އުފެދިފައިވާ ދެ ކޮޅިގަނޑާއެކު އަންނަ ހޯމަ ދުވަހާ ހިސާބަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!