ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ލިސްޓު އެމްޑީޕީ ސަރުކާރުން އިއުލާނު ކުރިއިރު، ފްލެޓު ކަށަވަރުކޮށް ދޭނެ ކަމަށް ބުނެ ފައިސާ ނަގާފައިވާކަން އެނގިއްޖެ އެވެ. މި މަޢުލޫމާތު ”ދެންމެ“ ނޫހަށް ހާމަކޮށްދިން ފަރާތަކުން ބުނީ މި ޖަރީމާގެ އަޑީގައި ތިބީ އަކުރަމް ކަމާލުއްދީނާއި ހައުސިންގ މިނިސްޓްރީގައި އޭރު މަސައްކަތްކުރި ބައެއް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކާއި އެ ސްކީމުގެ ދަށުން އިމާރާތް ކުރުން މިހާރު ވެސް ކުރިއަށްދާ ފްލެޓުތައް ލިބޭ 4000 މީހުންގެ ލިސްޓު އިޢުލާން ކުރުމުގެ ކުރިން ފައިސާ ދިން މީހުން ލިސްޓުގައި ޖަހާނެ ކަމުގެ ޔަޤީންކަން ދިންކަމަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ. އަދި ލިސްޓު ގެޒެޓް ކުރުމުގެ ކުރިން އެފަރާތްތަކަށް ވަނީ ލިބޭނީ ކޮން ފްލެޓެއްކަންވެސް ޔަޤީންވެފައެވެ.
”އަޅުގަނޑަށް އެނގިގެން މަޝްހޫރު ބޮޑު ކުންފުންޏަކުން އެގޭގެ ހުރިހާ އެންމެންގެ ނަންތައް ހައުސިން މިނިސްޓްރީއަށް ލިސްޓެއް ދިނީ. ވަޓްސްއެޕް މެސެޖެއް ކޮށްލީ ނަމާއި އައިޑީކާޑު ނަމްބަރު ޖަހާލާފައި. ދެން ދިނީ ބޮލަކަށް 30 ހާސްގެ ރޭޓުން ރުފިޔާ. ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ވެސް އެމީހުން ހުށަހެޅި. 30،000 ރުފިޔާ މީހަކަށް ޗާޖްކުރީ. އަމިއްލަ ބިންތައް ތިބި މީހުންނަށްވެސް ފައިސާ ދިނުމުން ލިސްޓުގައި ޖަހާފައި ހުރީ. މާލޭގައި ދިރިނޫޅޭ މީހުންނަށްވެސް ފްލެޓް ދީފައި ވޭ” މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.
ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 3 ކޮޓަރީގެ އެ ފްލެޓުތަކަށް 20،697 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެ އެވެ. އެ ސްކީމުގެ ފުރަތަމަ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ގެޒެޓުކުރި އެވެ. ނަމަވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެދިޔަ ދިޔައިރު އެ ފްލެޓުތައް ހަވާލު ނުކޮށް ލަސްވީ ލިސްޓުގައި މައްސަލަތައް އުޅޭތީވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމައްސަލަ ބަލަން ފެށުމުންނެވެ..
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ނިންމަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް، މި އަހަރު ނިމުމުގެ ކުރިން އެ ފްލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައި ވިޔަސް، ލިސްޓުގައި ހުރި ގިނަ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ. ދޮގު މަޢުލޫމާތު ދީފައިވާ ގިނަ ފޯމުތައް ހުރިއިރު އެ ފޯމުތަކާއިމެދު ޢަމަލުކުރަންވީ ގޮތަކާއި އެފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިހާތަނަކަށް ބުނެފައެއް ނުވެއެވެ.