ދިވެހިންގެ ލޭ ކައްކުވާލައި ފުޓްބޯޅައިގެ ފޯރި ގެނެވި ގޯލްކަޕް ބޭއްވި ދެ ކޯޗުންގެ ތައުރީފް ސްޕޯޓްސް މިނިސްޓަރ ރާއްޕެ އޮއްސާލައިފި އެވެ.
މިއީ މި ފަހަރުގެ ގޯލްޑްކަޕް މުބާރާތުގެ ފެށުމެވެ. ދެ މީހުންގެ ދެމެދުގައި ދެއްކެވުނު އާދައިގެ ވާހަކައެއް ބޮޑު ސިންގާ މުބާރާތަކަށް ބަދަލުވީ އެވެ. މުޅި ރާއްޖެ އަށް ގޯލްޑް ކަޕްގެ އަޑު ފަތުރާލީ އެވެ.
ޝާޒުގެ ހިޔާލު ކަރުދާހަށް ތިރިކޮށް އޭނާ އާއި ނިސްތާރު ބައްދަލުކުރީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ އެވެ. މި ހިޔާލަކީ ފުޓްބޯޅައިގެ ފޯރި އަލުން ގެނެވިދާނެ މުބާރާތެއް ކަމަށް ރާފިއު އަށް ފެނިވަޑައިގަތެވެ. އެ މުބާރާތް ކުރިއަށް ގެންދިއުމަށް ރާފިއު ބާރު އަޅުއްވައި މިނިސްޓްރީން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މުބާރާތުގެ ސޮފްޓް ލޯންޗިން ބޭއްވީ ވެސް ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ކުޑަކުޑަ ހަފުލާއެއްގަ އެވެ.
”މިނިސްޓަރު ރާއްޕެ އަށް މިކަން ކޮންވިންސް ވީމާ މަސައްކަތް ކުރިއަށް ގެންދަން ބޮޑު ހިތްވަރަކަށް ވީ ވެސް،“ ނިސްތާރު ބުންޏެވެ.
މިނިސްޓަރުގެ ރާފިއުގެ ސިކުނޑިއަށް މިކަމުގެ ބޮޑުކަން ޝާޒު އާއި ނިސްތާރަށް ވައްދައި ނުދެވުނު ނަމަ ފެއިލްވީހެވެ. އެކަމަކު، އެ ދެ މީހުން އެ އަށް ވުރެ ވިސްނުން ރަނގަޅެވެ. މުބާރާތުގެ ނަތީޖާ ރަނގަޅު ކުރުމަށް ރޭވީ މާ ވަރުގަދަ ޕްލޭންތަކެކެވެ.
މުބާރާތުގެ ފޯރިގަދަ ކަމަކީ މުބާރާތުގެ ފައިނަލު މެޗާ ހަމައަށް އައިރު ގިނަ ބަޔަކަށް ޓިކެޓް ނުލިބުމުގެ ޝަކުވާ ބޮޑުވި އެވެ. ދަނޑުގެ ސިޑިބަރީގެ އެއްބައި ހަލާކު ވެފައިވުމުން ގިނަ ބަޔަކު ބޭނުކުރަން ރައްކާތެރި ކަމަކަށް ނުވާތީ އެ ތަންތަން ބޭނުން ނުކުރެވުނެވެ. ޓިކެޓް ވިއްކަން ޖެހުނީ ކޮންޓްރޯލް އަދަދަކަށެވެ.