ބޭރު ފައިސާ މާރުކުރާއިރު ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.
ބޭންކުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިބުނީ މަކަރާއި ހީލަތުން ރައްކާތެރިވުމަށް ބޭރު ފައިސާ މާރުކުރަން ވާނީ އެމްއެމްއޭއިން ސައްހަ ލައިސެންސެއް ދޫކޮށްފައިވާ މަނީ ޗޭންޖަރ އެއް މެދުވެރިކޮށްކަމަށެވެ. އަދި ތަފާތު ރަނގަޅު ރޭޓް ތައް ދޭނެ ކަމަށް ބުނާ ފަރާތްތަކުގެ ބަހަށް ހެއްލިގެން ނުވާނެކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ތަފާތު އެކި ނަންނަމުގައާއި އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަންނަމުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އެ ޚިދުމަތުން މިހާރު ވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.
ފޭސްބުކް، އިންސްޓަރގްރާމް ނުވަތަ މިނޫނަސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ތަފާތު ޕޭޖުތައް ހަދައި ޕޯސްޓުތައް ޝެއަރކުރަމުންދާކަމަށާއި އަދި އެކިކަހަލަ މުދާ އޮންލައިންކޮށް ވިއްކުމުގައިވެސް މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް އެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުންވެސް އެކި ކަލަހަ ވާހަކަތައް ދައްކައިގެން އެކިއެކި ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް އެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.