ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގ ކޭޕާކް ރެސިޑެންސް މަސްރޫއަށް އެތަނުގެ އެއް ހިއްސާދާރު ހިޔާނާތްތެރިވި ވާހަކައަކީ އާއްމް މައުލޫއެކެވެ.
އެޗްޑީސީގެ ހިޔާނާތުގެ ވާހަކައަކީ ސަރުކާރުތަކުގެ ތެރޭގައި ދެމިގެން އަންނަ މަސްހޫރު ވާހަކައެއް ނަމަވެސް އެއްވެސް ވެރިކަމެއްގައި އެޗްޑީސީގެ ހިޔާނާތާއި ވައްކަމުގެ ތަހްގީގް ހިންގަން މިވެރިކަމުގައި ނޫނީ ކެރިފައެއް ނުވެ އެވެ.
ރައީސް ޑރ. މުއިއްޒު އަމުރަށް އެޗްޑީސީގައި ހިންގަމުންދާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ފުލުހުން ތަހްގީގް ކުރަމުންދާއިރު އުފެދޭ ސުވާލަކީ މި ތަހްގީގުން އެތައް ބަޔަކަށް ލަނޑުދީފައިވާ ކޭޕާކް މައްސަލައަށް ހައްލެއް ލިބިގެންދާނެ ތޯ ކުރެވޭ ސުވާލެވެ.
ކޭޕާކްގެ މައްސަލައިގެ ތަހްގީގް މީގެ އަހަރުތަކެއް ކުރިން ފުލުހުން ފަށާފައި ވީނަމަވެސް އެތަނުން އެޕާޓްމެންޓް ގަނެފައިވާ ފަރާތްތަކަށް އަލިމަގެއް ފެނިފައެއް ނުވެއެވެ.
ރައީސް އިބޫގެ ވެރިކަމުގައި ކޭޕާކް ބޮޑު ހިޔާނާތް ފަޅާއަރައިފައި ވާއިރު އެ ހިޔާނާތުގެ އިސް މޭސްތިރިޔާ ހަސަން މަމްދޫހް ޖަލައްލައި މުދާ ހިފަހައްޓައި އޭނާގެ މައްޗައް ދައުވާ އުގުލާފައި ވީނަމަވެސް އެޕާޓްމެންޓް ގަތް އެއްވެސް ފަރާތަކަށް އުފަލެއް ނެތެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ގައުމުގައި އަށަގެންފައިވާ ކަރަޕްޝަނާއި ވައްކަމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރަމުންދާ ބިޔަ މަސައްކަތުގެ ތެރެއިން އެޗްޑީސީގައި ވެސް މިހާރު ވަނީ ތަހްގީގް ފަށާފަ އެވެ. އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ފަޒުލު މަގާމުން ވަކިކޮށް ތަހްގީގް ވަނީ ފުޅާކޮށްފަ އެވެ.
ކޭޕާކް މައްސަލަ ފުރަތަމަ ފެންމަތިވެގެން ދިޔައިރުވެސް އެޗްޑީސީ ތެރެއިން ބަޔަކު މިމައްސަލައިގައި ބައިވެރިވެފައިވާ ކަން ވަނީ ޔަގީން ކުރެވިފަ އެވެ. އަދި މިކަން ކަށަވަރު ކުރެވި އެޗްޑީސީ ބައެއް މުވައްޒަފުންނަށް ވަނީ ފިޔަވަޅު ވެސް އަޅާފަ އެވެ.
ކޭޕާކުން އެޕާޓްމެންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އިންތިހާ ދަރަޖައިގެ ގެއްލުމާއި ކުރިމަތިވެފައިވާއިރު މިމީހުން ތިބީ ކޭޕާކް މައްސަލައަށް ހައްލެއް ލިބި އެޕާޓްމެންޓް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.