ކުޑަކުއްޖަކަށް ޖިންސީ އަމަލު ހިންގި މީހަކު 25 އަހަރުގެ ޖަލަށް ލައިފި
ދެންމެ | 02 ޖެނުއަރީ 2025

ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ދައުވާ ލިބުނު ނަސްރުﷲ ފާއިޒުގެ މައްޗަށް އުފުލުނު ތިން ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވި އެވެ.

ކުރިމިނަލް ކޯޓުން މައްސަލަ ނިންމައި ހުކުމް އިއްވީ ޑިސެންބަރު 30 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ނަސްރުﷲގެ މައްޗަށް ސާބިތުވި ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުމާއި، ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށެވެ.

ފުރަތަމަ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއި، ދެވަނަ ކުށަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލުނު އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުނުވި އެވެ. އެއީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާތީ އެވެ.

މި މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުނީ 2020 ވަނަ އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހު އެވެ. އަދި މައްސަލަ ނިމުމަކަށް އައީ ހަތަރު އަހަރު ފަހުން އެވެ. މައްސަލައިގައި ކުޑަކުއްޖަކު ހިމެނޭތީ، މައްސަލައިގެ އިތުރު ތަފުސީލުތައް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

 

ތިން ދައުވާގެ ތެރެއިން ދެ ދައުވާ ސާބިތުވި

އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ކުށްކުރިކަމަށް 15 އަހަރު

ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށަށް 10 އަހަރު

މައްސަލަ ނިންމަން ހަތަރު އަހަރު ހޭދަވި

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!