ރާއްޖެއަށް ހުއްޓުމެއްނެތި އެހީ ވާނަން: އިންޑިއާ
ދެންމެ | 03 ޖެނުއަރީ 2025

ރާއްޖެ އާއި އިންޑިޔާ ދެމެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އިންޑިޔާއިން އެހީވާނެ ކަމުގައި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަޔަމަން ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު އެފަދައިން ވިދާޅުވީ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން ޖައިޝަންކަރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގައި އަމިއްލަ ފައިސާއާ ގުޅޭ އެއްބަސްވުމެއް ވެސް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ ދޭތެރޭގައި ކުރެވޭ މަސައްކަތްތައް އިތުރުވެފައިވާކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ، އިންޑިޔާއިން ގެންގުޅޭ ނެއިބާ ފަސްޓް ޕޮލިސީގެ ދަށުން، ރާއްޖެއާއެކު އޮންނަ ގުޅުމަކީ ލާމަސީލު މިސާލެއް ކަމަށެވެ. އަދި އެކަން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެ ކަމަށާއި، އިންޑިޔާ އަބަދުވެސް އޮންނާނީ ރާއްޖެއާއެކުގައި ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާތައް ވެސް އެއްވެސް ދައްޗެއްނެތި، އިންޑިޔާއިން ފޯރުކޮށްދެމުންދާ ކަމަށާއި، ރާއްޖޭގެ އެންމެ ދަތި ވަގުތުތަކުގައި ވެސް އިންޑިޔާއިން އަބަދުވެސް ރާއްޖެއާ އެކީގައި އޮންނާނެ ކަމުގައި ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!