މާލެއަށް ހަވީރު ވާރޭ ވެހުނީ ރިކޯޑް އަދަދަކަށް: މެޓް
ދެންމެ | 03 ޖެނުއަރީ 2025

މިއަދު ހަވީރުކޮޅު މާލެއަށް ވެހުނު ވާރެއާއެކު މުޅި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ހަވީރު 5 ކުން 6 ޖެހުމާ ހަމަޔަށް މާލެއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުނުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު އިރުއޮއްސުނު އެ ގަޑީގައި މާލެއަށް 60 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 162 މިލިލީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައެވެ. ހަވޗީރުކޮޅު މާޅެއަށް ވެހުނު ވާރެއާއެކު މުޅި މާލޭގެ ހުރިހާ މަގެއްގައިހެން ފެންބޮޑުވެފައިވާއިރު، ބައެއްމަގުގައި ވެހިކަލް ދުއްވަން އުނދަގޫވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން ވަނީ މަގުތަކުން ފެން ނުހިނދެނީސް ބަރުއުޅަނދުތައް ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ. މާލެއަށް މިކުރި ވިއްސާރާގައި ބައެއް ގެތަކަށާއި ފިހާރަތަކާއި، ސައިހޮޓާތަކަށް ފެންގަނޑުވަންނާތީވެ، ވަނީ ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މި މަސައްކަތުގައި ސިފައިންނާއި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށްއޮތް 24 ގަޑިއިރު ވިއްސާރަކުރާނޭކަމަށް ލަފާކުރެވޭކަމަށެވެ. މިގޮތުން ވިއްސާރަ އަލިވާން އަދި ދެ ދުވަސް ނަގާނޭކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މިހާރުކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، ބައެއ ްރަށްތަކަށް ވަނީ އުދަ އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!