ދެމަފިރިން އެކަކު އަނެކަކަށް، ބަރަހަނާ ފޮޓޯ އާއި ވީޑިޔޯ ފޮނުވުން ހުއްދަވާނެ ތަ!
ދެންމެ | 04 ޖެނުއަރީ 2025

ފިރިމީހާ މަސައްކަތްކުރަނީ އެހެން ރަސޭއްގައެވެ. ގާތަށް އައުދެވެނީ އަހަރަކު 1 ފަހަރު ނުވަތަ ދެފަހަރުއެވެ. ދެމަފިރިންނަށް ދުރުގައި ތިބެންޖެހެންޖެހޭއިރު ފިރިމީހާ އެދިއްޖެނަމަ އަޢުރަ ނިވާނުވާ ވީޑިއޯ އާއި ފޮޓޯ ފަދަ ތަކެތި ފޮނުވުން ހުއްދަވާނެތޯ؟

ކިޔުންތެރިޔާ ސުވާލުކުރައްވާ މައްސަލައަކީ މީގެ 3 އަހަރުކުރިން ވަރަށް ހޫނުވެގެން ދިއަ މައްސަލައެކެވެ. ސުވާލަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކާއި ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކެވެ.

ދެމަފިރިން އެކަކު އަނެކަކަށް ބެލުން ހުއްދަ އެވެ. ނަމަވެސް ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ފޮނުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ޤުރްއާނާއި ޙަދީޘުން އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. ރައްކައުތެރިކަމުގެ ގޮތުން ބެލިނަމަވެސް އެއީ ވަރަށް ނުރައްކާ ކަމެކެވެ.

(ޝައިޚް އިޝާރާތް ކުރައްވާފައިވަނީ ފޮނުވާތަކެތި އެހެން މީހުންނަށް ފެނުމުގެ ފުރުޞަތު އޮތްކަމާއި ލީކްވެ ފަޟީޙަތްވެސްވެދާނެކަމުގެ ބިރު އޮތުމުންނެވެ.)

”އެއްވެސް ނުބައިކަމެއް ކުރަން ޝައިޠޯނާ ސީދާ ނުބުނާނެއެވެ. އެކަމެއް ކުރަން މީހުން ޝައުޤުވެރިވާފަދަ އުކުޅުތައް ބޭނުންކުރަމުން އެކަމެއް ކުރަން މީހާ ދަހިވެތިވަމުން ގޮސް ނުބައި ޢަމަލުކުރުވާފައި ޝައިޠޯނާ ދުވެ ފިލާނެއެވެ.“

 

– ޝައިޚް ޢަލީ ޒައިދު

ދެމަފިރިން ދުރުގައި ތިބެންޖެހޭނަމަ އުފެދޭ ޖަޒްބާތުތަކުގެ ސަބަބުން އެކަމަށް އެދެވުނަސް ދީނުގައި ހުއްދަ ނޫން ކަންކަން ނުކުރާށެވެ! އެކަމުން ލިބިދާނެ ގެއްލުން މާބޮޑުވާނެއެވެ. މިޘާލަކަށް އެފަދަ ފޮޓޯ އާއި ވީޑިއޯ ފެނުމުން ހިތަށްކުރެވޭ އިޙްޞާޞްތަކުގެ ސަބަބުން ބޮޑެތި ފާފަތައް ކުރެވުމަކީވެސް ދުރުކަމެއް ނޫނެވެ. އެފަދަ ކަންކަން ހިނގާފައިވެސް އެބަހުއްޓެވެ.

ވަފާތެރިކަމުގައި ޘާބިތުވެ ތިބެ ދުޢާކުރުކުރުން ގިނަކުރާށެވެ! ކެތްތެރިވެލާށެވެ! އުފަލުގައި ދެމަފިރިންނަށް އެކުގައި އުޅެވޭނެ މަގު ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!