ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ގެނެސްދޭނެ ކަމަށް ބެލެވޭ ރަސްމާލެ މަޝްރޫޢަކީ އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެބޮޑު މަޝްރޫޢު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކ.ގުޅިއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
”ރަސްމާލެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލު އަންނާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ އެއީ އެއްތަނަކުން، އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެބޮޑު މަޝްރޫޢު. މިހާރު ޢަމަލީގޮތުން ބިން ހިއްކުން އެ ހިނގަނީ“
ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، އިތުރު ކޮމްޕެނީތަކުން ޑްރެޖަރު މޮބިލައިޒް ކުރުވައިގެން، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށާއި، އެކަމުގެ ސަބަބުން މަސައްކަތުގެ ސްޕީޑް ދެގުނަ އަދި ތިންގުނައަށް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރަސްމާލެ މަޝްރޫއަކީ މާލެ އަތޮޅާއި، މުޅި ރާއްޖެއަށް ގެދޮރުގެ މައްސަލައިގައި އަދި އިޤްތިޞާދީ ކަންކަމުގައި ފަހި ފުރުޞަތުތައް ލިބޭނެ ތަނަކަށް ވާނެކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ވެސް ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ސަރުކާރުން ވަނީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެކަން ސަރުކާރުން ހާމަކުރެއެވެ. ހަމައެހެންމެ ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ދެކެއެވެ.