ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެގެ ތެރެއިން އެގައުމުގެ ރައީސް ޑރ. އަލާރް ކަރިސް، ރައީސް މުޢިއްޒުއަށް ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލަރްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅުގައި، ރަސްމީ ގޮތުން މަރްޙަބާ ދެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި، އެ ގައުމުގެ ރައީސްގެ ގެކޮޅުކަމުގައިވާ ކަޑްރިއޯގްގައެވެ.
އެގޮތުން މަރްޙަބާގެ އެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ މިލިޓަރީގެ ފަރާތުން ދެ ރައީސުންނަށް ގާޑް އޮފް އޮނާއެއް ވަނީ އަރުވާފައެވެ. އަދި އެ ރަސްމިއްޔާތުގައި ދެ ގައުމުގެ އިސް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންނަވައިފައެވެ.
އެ ރަސްމިއްޔާތަށް ފަހު ރައީސް މުޢިއްޒު ވަނީ ކަޑްރިއޯގްގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ. ރައީސް އެގައުމަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރައީސް މުޢިއްޒު އެސްޓޯނިއާ އަށް ކުރައްވާ ދަތުރުފުޅަކީ، ޑިޖިޓަލް ގަވަނަންސް، ކްލައިމެޓް، އެޑިއުކޭޝަން އަދި ސައިންސް ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން މި ދަތުރުފުޅުގައި އެގައުމުގެ އެންމެ އިސްވެރިންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވާނެއެވެ. އެގޮތުން މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލާއި، ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.