ޓްރަމްޕް: އަލިފާން ނިއްވަން ނޭނގިގެން މި އުޅެނީ ކޮންކަހަލަ މޮޔަ ބައެއް ތަ؟
ދެންމެ | 13 ޖެނުއަރީ 2025

އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވާނުލެވިގެން އުޅެނީ އެ ސިޓީގެ ވެރިންގެ ނާގާބިލްކަމާހުރެ ކަމަށް ވިދާޅުވެ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

”އެލްއޭ ގައި އަދިވެސް އަލިފާންގަނޑު އެ ދަނީ ފެތުރެމުން. އެ ނާގާބިލް ސިޔާސީ މީހުންނަށް އެ އުޅެނީ އަލިފާން ނިއްވާލާނެ ގޮތެއް ނޭނގިގެން،“ ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އިއްޔެ ލިޔުއްވާފައިވެ އެވެ.

”މިއީ މި ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ. އެ މީހުންނަށް އެ އުޅެނީ އަލިފާން ނިއްވާނުލެވިގެން. ކޮންކަހަލަ ބައެއްތަ އެއީ؟“

އެލްއޭގައި އަނދަމުންދާ އަލިފާންގަނޑުތައް ފެތުރޭލެއް ހަލުވިކަމާއި އަލިފާންގަނޑު ފެތުރިފައިވާލެއް ބޮޑުކަމުން އެކަން ވެފައި ވަނީ އަލިފާން ނިއްވާ މީހުންގެ ގާބިލްކަމާއި ވަސީލަތްތަކުގެ ޓެސްޓަކަށެވެ. އަދި މިފަދަ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އަލިފާން ނިއްވަން ބޭނުންކުރާ ހައިޑްރަންޓްތަކުން ފެން ހުސްވުމާއި ފަސް ދިމާލެއްގައި ރޯވެ އަނދަމުން ދާއިރު މި ވަގުތު ދިމާވެދާނެ އެހެން ކަމަކަށް އިޖާބަ ދިނުން މިހާރު ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

އަންނަ ހަފްތާގައި ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ތައްޔާރީތައް ވަމުން ގެންދަވާ ޓްރަމްޕް ވަނީ ކެލިފޯނިއާގެ ޑިމޮކްރެޓިކް ގަވަރުނަރު ގެވިން ނިއުސޯމްއަށް ބޮޑެތި ތުހުމަތުތައް ކުރައްވައިފަ އެވެ. އެއާ އެކު އޭނާ ވަނީ އެލްއޭ އަށް ވަޑައިގެން، އަލިފާނުގެ ގެއްލުންތައް ބައްލަވައިލެއްވުމަށް ޓްރަމްޕަށް ދައުވަތު ދެއްވައިފަ އެވެ.

އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް 16 މީހުން މަރުވެ، 150،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، 12،000 އަށް ވުރެ ގިނަ އިމާރާތް ހަލާކުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

”އަގު ބޮޑު، ހިތްގައިމު އެތައް ހާސް ގެއެއް ގެއްލި، އިތުރު އެތައް ގެއެއް އިސާހިތަކު ގެއްލިދާނެ. މުޅި ހިސާބުގައި މީހުންތައް އެ ދަނީ މަރުވަމުން،“ ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އަލިފާން ނިއްވާ މީހުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރު ވެސް ޕެލިސޭޑްޒްގައި ރޯވި އަލިފާން ދަނީ ގެޓީ ސެންޓަރުގެ އާޓް މިއުޒިއަމްގެ އަގުބޮޑު ކަލެކްޝަންތަކުގެ އިތުރުން، އާބާދީ ބޮޑު ސަން ފެނާންޑޯ ވެލީއާ ދިމާލަށް ފެތުރެމުންނެވެ. — އޭއެފްޕީ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!