އިންސާނާގެ ބާރުކެނޑިފައިވާ އެމެރިކާގެ އަލިފާންގަނޑު، މާތްﷲގެ ކުޅަދުންވަންތަކަމަށް ފުދޭ!
ދެންމެ | 14 ޖެނުއަރީ 2025

މުޅި މާހައުލުގައި ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. މުޅި ސަރަހައްދަށް ފެތުރިފައިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ބޮޑު އަލިފާންގަނޑެއް އެ އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އެމެރިކާގެ ސަހަރެއްގައި ފެތުރެމުންނެވެ. ގެތަށް ދިރުވާ ނެތިކުރަމުންނެވެ. ﷲއަށް އުރެދެމުން، އެކަލާނގެއަށް ގޮންޖަހަމުން ދިޔަ ޣައިރު މުސްލިމުންނާއި ޔަހޫދީން މިއަދުވަނީ އެ އަލިފާންގަނޑު ހުއްޓުވުމަށް ނުކުޅެދިފައެވެ. ”ކަލޭމެންގެ ﷲ ކޮބާ؟“ ”ކަލޭމެންގެ ﷲ ކަލޭމެން ސަލާމަތް ނުކުރަނީ ކީއްވެ؟“ މިފަދައިން އެތައް ޙާލަތެއްގައި އެތައް ފަހަރެއްގެ މަތިން ޣައިރު މުސްލިމުން ސުވާލު އުފެއްދިއެވެ. މަލާމާތްކޮށް ގޮންޖެހިއެވެ. ފުރައްސާރަކޮށް ހަޖޫ ޖެހިއެވެ. ހަނދާނަށް އަންނަނީ ’މުސާފިރު‘ އަލްބަމްގައިވާ މަދަހައިގެ ބައިތެކެވެ. ’ޚާލިޤަށް ބަލަ ގޮންޖަހާލަން ކާކުތޯ މަޚްލޫޤަކީ، ޖާހިލުންނަށް ހީވަނީހޭ ހަަމަ މަށޭ މޮޅު މީހަކީ؟“

ފެތުރެމުންދިޔަ އަލިފާނުގައި 80،00 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ މީހުންގެ ގެތަށް ދޫކޮށް، ސަލާމަތްތެރި ސަރަހައްދުތަކަށް ބަދަލުވާން ޖެހިފައެވެ. އެތައް ބަޔަކު އެއްވަގުތެއްގައި އެސަރަހައްދު ދޫކޮށް ދާން އުޅުމުގެ ސަބަބުން ޓްރެފިކްގައި އެތައް ބަޔަކު ތޮށްޖެހުނެވެ. އެހެންކަމުން، ގިނަ ބަޔަކަށް މަޖުބޫރުވީ ކާރުތައްވެސް މަގުމައްޗަށް ދޫކޮށްލާފައި ދުވެ ފިލުމެވެ. ކާރުތައް މަގުތައްމަތީ އެފަދައިން ދޫކޮށްލެވިފައިވުމުން ބުލްޑޯޒާތައް ބޭނުންކޮށްގެން ކާރުތައް މަގުން ނެގިފައިވާކަމަށް ޚަބަރު ފަތުރާ މަންސަތަކުން ހާމަކުރެއެވެ. މި ހަލަބޮލި މަޝްރަޙުގެ ތެރޭގައި އެތައް ބަޔަކު ވަނީ ކެލިފޯނިއަރގެ ސަރުކާރާމެދު ނުރުހުން ފާޅުކޮށްފައެވެ. 1400 ފަޔަފައިޓާސް އަލިފާންގަނޑު ނިއްވުމަށް ހަރަކާތްތެރިވި ނަމަވެސް އެންމެ އެކަށޭނެ ވަސީލަތްތަކާއި އުޅަނދުތައް ނެތުމުން ގޮންޖެހުންތައް ކުރިމަތިވިއެވެ. ހަމައެހެންމެ، ފަޔަރަ ހައިޑްރެންޓުތަކުން ފެން ހުސްވުމުން އެ އަލިފާންގަނޑު ކޮންޓްރޯލްކުރުން ވަނީ އިތުރަށް އުނދަގޫވެފައެވެ. ގިނަ މީހުން ބުނަނީ ޓްރެފިކްގައި ތޮށްޖެހުނީ އެތަނުން މީހުން ނެރެ، ސަލާމަތީ ސަރަހައްދަށް ދިއުމުގެ ކަންތައް އެންމެ އެދެވޭ ގޮތުގައި ’ޕްލޭން‘ ނުކުރެވުނީމަކަމަށެވެ. މީގެ އިތުރުން އެތަނުގެ ރައްޔިތުންވަނީ ލޮސް އޭންޖަލްސްގެ މޭޔަރ އާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިހުރިހާ ކަންތައްތައް ވީއިރު އޭނާ ނެތީމަަކަމަށް ބުނެއެވެ.

‫وَلَا تَحۡسَبَنَّ ٱللَّهَ غَـٰفِلًا عَمَّا یَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا یُؤَخِّرُهُمۡ لِیَوۡمࣲ تَشۡخَصُ فِیهِ ٱلۡأَبۡصَـٰرُ﴿ ٤٢ ﴾‬ (14:42)

”އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.“

އެވެރިން އެދުވަހު ހީހީފައި މުސްލިމުންނަށް މަލާމާތްކުރިއެވެ. އަޅަމެންގެ ވެރި ރައްބާމެދު ސުވާލު އުފައްދާ، ޖައްބާރުވަންތަ މާތް ﷲއަށް ގޮންޖެހިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލަށް ހަތިޔާރެއް ބޭނުންވެ ވޮޑިގެން ނުވެއެވެ. ކަމަކަށް އިރާދަކުރެއްވުމަށް ’ކުން ފަޔަ ކުން‘ އެކަލާނގެއަށް ފުދެއެވެ. މިއަދު ލޮސް އޭންޖަލްސްއަށް އަރާފައިއެވާ އަލިފާނުގެ ތޫފާނަކީ އެކަލާނގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަމުގެ ހެއްކަކަށް ފުދެއެވެ. އެކަލާނގެ ހަޟްރަތުން ޖަވާބަކަށް ފުދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!