ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް ކާމިޔާބު ނުކުރެވޭނެކަން އެމްޑީޕީއަށް ރަނގަޅަށް އެނގޭނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އެމްޑީޕީން ހުށަހެޅި އެ މައްސަލައިގައި ބުނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާތީ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ރާއްޖޭގެ ކުންފުންޏަކުން އިމިގްރޭޝަނަށް ގާއިމުކޮށްދީފައިވަނިކޮށް، ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އިހުސާން، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށް އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައެވެ.
އެމްޑީޕީން ހުށަހެޅި އެ މައްސަލައާ ގުޅިގެން ފަލާހު ”ވަން“ އަށް މިރޭ ވިދާޅުވީ އެމްޑީޕީން ހުށަހެޅި އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށެވެ. ފަލާހު ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ އެއްވެސް މެންބަރެއްގެ ސަޕޯޓު ނުލިބޭނެކަން ޔަގީން ކަމަށެވެ. އަދި އެމްޑީއޭއަށް ނިސްބަތްވާ މެންބަރުންގެ ތާއީދު ވެސް އެ މައްސަލައަށް ނުލިބޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ވިޕްލައިނެއް ނެރޭނެތޯ ސުވާލުކުރުމުން ފަލާހު ވިދާޅުވީ ޕީއެންސީގެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
”އެ މައްސަލަ ކާމިޔާބެއް ނުވާނެ، ފެއިލްކޮށްލާނަން، އެމްޑީޕީއަށް ވެސް އެނގޭނެ ކާމިޔާބު ނުކުރެވޭނެކަން. ޕީއެންސީގެ އެއްވެސް މެންބަރެއްގެ ތާއީދެއް އެ މައްސަލަޔަކަށް ނޯންނާނެ، ފެއިލްކޮށްލާނެކަން ޔަގީން.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އިހުސާންގެ އިތުބާރު ނެތް ކަމުގެ ބުނެ އެމްޑީޕީން ހުށަހަޅައިގެން އުޅެނީ ސިޔާސީ މައްސަލައެއް ކަމަށެވެ. ފަލާހު ވިދާޅުވީ މެންބަރުން އިތުރުކުރުމުގެ ގޮތުން ޕީއެންސީން ވަގު ފޯމު ފުރައިފައި ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ސައްހަ ނޫން ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގައި ވެސް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މީގެ އިތުރުން ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ”ވަން“ އަށް މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، އެކި ޕާޓީތަކުން މިހާތަނަށް 300 އަށްވުރެ ގިނަ ސައްހަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ބެލުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލައަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14ގެ ނިޔަލަށް ފޯމު ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލައި، އަންނަ މަހުގެ 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.