އެމެރިކާގައި ބަލައިގަންނާނީ ’ދެ ޖިންސު‘ އެކަނި: ޓްރަމްޕް
ދެންމެ | 20 ޖެނުއަރީ 2025

އަންހެނުންނާއި ފިރިހެނުން ފިޔަވައި އިތުރު ޖިންސެއް އޮންނަ ކަމަށް ސަރުކާރުގެ ރަސްމީ ސިޔާސަތުން ބަލައިނުގަންނާނެ ކަމަށް މިއަދު އެމެރިކާގެ ރައީސްކަމާ ދެ ވަނަ ދައުރަކަށް ހަވާލުވެ ވަޑައިގަތް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފި އެވެ.

ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީރުގައި މިހެން ވިދާޅުވީ ބައެއް ހާލަތްތަކުގައި ”ތިން ވަނަ ޖިންސު“ ބަލައިގަތުމުގެ ހަމަތަކުގެ ސަރުކާރުން ގެންގުޅެން ފަށާފައި ވާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ.

”އާންމު ދިރިއުޅުމާއި އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ނަސްލާއި ޖިންސު އިޖުތިމާއީ ގޮތުން އުފައްދަން ސަރުކާރުން މަސައްކަތް ކުރުމުގެ ސިޔާސަތު ވެސް ނިމުމަކަށް ގެންނާނަން… މިއަދުން ފެށިގެން އެމެރިކާ ސަރުކާރުގެ ރަސްމީ ސިޔާސަތުގައި އޮންނާނީ ދެ ޖިންސު. އެއީ އަންހެނުންނާއި ފިރިހެނުން،“ ޓްރަމްޕް ވިދާޅުވި އެވެ.

ޓްރާންސްޖެންޑާގެ ހައްގުތަކަކީ މިފަހަކަށް އައިސް އެމެރިކާގައި ސިޔާސީ ގޮތުން ބޮޑު މައުޟޫއަކަށް ވަނީ ވެފައެވެ. މިދިޔަ އިންތިޚާބުގެ ކެމްޕޭނުގައި ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ވަނީ ކުޅިވަރުތަކުގައި ބައިވެރިވާ ޓްރާންސްޖެންޑާ ”އަންހެނުންނަށް“ ހާއްސަ ސަމާލުކަމެއްދޭ ގާނޫނުތައް ބަދަލުކުރުމަށް ވެސް ވަކާލާތުކޮށްފަ އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ އެއް ދުވަސް ކުރިން ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ ”ހުރިހާ ފިރިހެނުން އަންހެނުންގެ ކުޅިވަރުތަކުން ދުރުކުރުމަށް“ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖިންސު ބަދަލުކުރުމުގެ ފަރުވާ ދިނުމުގެ ކަންކަން ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ އަސްކަރިއްޔާގައި ޓްރާންސްޖެންޑާ ސިފައިން އުޅުން މަނާކޮށް، ޓްރާންސްޖެންޑާ ސިފައިން ރެކްރޫޓްކުރުން ހުއްޓުވައިފަ އެވެ. ނަމަވެސް 2021 ވަނަ އަހަރު ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ސިޔާސަތު ބަދަލުކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!