ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ޑީފޯލްޓްވާ ޙާލަތުގައި ކަމަށާއި، މަސައްކަތް ކުރެއްވީ އެ ދަތި އިގްތިސާދީ ޙާލަތުން އަރައިގަނެ، ގައުމު ހަމަ މަގަށް އެޅުއްވުމަށް ކަމުގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ފަށްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، މާޅޮސްމަޑުލުގެ އަނގޮޅިތީމަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މިސަރުކާރާއި ހަވާލުވީއިރު ގައުމު އޮތީ ބޭރުގެ ދަރަނިތައް ދައްކަން ނުކުޅެދޭ ހާލަތެއްގައި ކަމަށާއި، ފާއިތުވި އަހަރުގެ ތެރޭގައި އުމްރާނީ ގޮތުން ގިނަ މަސައްކަތްތަކެއް ނުކުރެވުނީ އެ ސަބަބާ ހެދި ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގަ ގިނަ ކަންތައްތަކެއް ނުކުރެވޭ. ސަބަބަކީ، ރާއްޖޭގެ އިޤްތިސާދު، އަޅުގަނޑުމެންނަށް ސަރުކާރު ހަވާލުވީއިރުގަ އޮތް ހާލަތުގެ ގޮތުން. އޭރުގަ އޮތީ ވަރަށްވެސް ބޮޑު ދަރަންޔަކުން އަޅުގަނޑުމެން އަރަންޖެހޭ ހާލަތުގަ. ޤައުމުގެ ބޭރުގެ ދަރަނިތައް ދައްކަން ޤައުމު ނުކުޅެދޭ ހާލަތަކަށް ގޮސް ޑިފޯލްޓްވެ، ބަނގުރޫޓުވާ ހާލަތަށް އިޤްތިސާދު ގޮސްފަ އަޮތުމުގެ ސަބަބުން އަޅުގަންޑުމެން ޖެހުނީ ވަރަށް އިސްކަމެއް ދީގެން ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވަން- ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގައި މި މައްސަލަތަކަށް އިސްކަންދީގެން ޤައުމުގެ އިޤްތިސާދީ މައްސަލަތައް ހަމަމަގަށް އަޅުވަން އަމާޒު ހިފާފައިވާތީ، މިހާރު އައު މަޝްރޫއުތައް ފެށުމަށާއި، މިދިޔަ ސަރުކާރުން ފަށާފައި ނުނިންމައި ހުރި މަޝްރޫއުތައް ނިންމުމަށް މަގުފަހިވެފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން، ރ.އަނގޮޅިތީމުގައި މިދިޔަ ސަރުކާރުން ފެނާ ނަރުދަމާގެ މަސައްކަތް ފަށައި، އެ މަސައްކަތައް ހުއްޓިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލަ ދިމާވެފައިވާ ހުރިހާ ރަށްތަކަށް ދާދި އަވަހަށް ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވަވާފައެވެ. އަދި، އަނގޮޅިތީމުގެ ތަރައްޤީގެ އައު މަޝްރޫއުތަށްވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިއެވެ.