މިހާރު އަޅުގަނޑާއި ރައީސާއި ގުޅުން ވަރަށް ގޯސް: އަދުރޭ
ދެންމެ | 28 ޖެނުއަރީ 2025

ޓޫރިޒަމް މިނިސްޓަރުކަމުން އިބްރާހިމް ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް މުހައްމަދު މުއިއްޒުއާ ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނޭ ކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުއާ ދެކޮޅަށް ފައިސަލް އެއްވެސް ކަމެއް ނުކުރައްވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

”މިވެރިކަން ފެށުނުއިރު [އަޅުގަނޑާއި ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ“

ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، ”ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ“ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ.

”އަޅުގަނޑަކަށް ވެސް މިވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. ފައިސަލް ގުޅުއްވާފައި ވިދާޅުވި ވަކިކުރައްވައިފިޔޭ ތިމަންނާ އޮފީހަށް އައިތަނުން،“ ފައިސަލްއަށް ސަރުކާރުގެ އިތުރު މަގާމެއް ރައީސް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ފައިސަލް ވަކިކުރި ސީދާ ސަބަބެއް އެނގިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އޭގެ އެއް ސަބަބަކީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ކައިރީ ފައިސަލްއާ މެދު ކުރައްވާ ޝަކުވާތަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް، އޭގެ އެއްވެސް ޝަކުވާއެއްގައި ހަގީގަތެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ ތަފްސީލަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުމާ މެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، ”އަޅުގަނޑާ ރައީސް އާ ދޭތެރޭ ގުޅުން ރަނގަޅު ނަަމަ މިކަން ނުހިނގާނެ“ ކަމަށެވެ.

”މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!