ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުޑަ އިންޓަރެސްޓުގައި ލޯނު ދޫކުރުމުގެ މަސައްކަތްތައް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ދިގުރަށްކަމުގައިވާ ހއ. ފިއްލަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ރަށަކީ ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އޮތް ރަށެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ފިއްލަދޫގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ އަދި އެގްރީމަންޓްގެ މަރުހަލާގައި ހުރި ބިންތަކުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން، އާއްމުކޮށް ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ ޓާމްސްތަކުގައި ލޯނު ނަގައިގެން އެތަންތަން ހަދަން ފުރުސަތު ދީފި ނަމަ، އެ ތަންތަން ތަރައްގީ ކުރެވޭލެއް ވަރަށް ލަސްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފިއްލަދޫގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް ތަރައްގީކުރަން ކުޑަ އިންޓަރެސްޓުގައި ލޯނުގެ ލިބޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށެވެ.
”އާއްމުކޮށް މި ގޮތަށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާ ވަރަށްވުރެ އިންޓަރެސްޓް ރޭޓް ކުޑަކޮށް ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ އިންޓަރެސްޓް ރޭޓަށްވުރެ ތިން ޕަސަންޓު ކުޑަވާނެ ކަމަށް. އިންޓަރެސްޓް ރޭޓް ކުޑަކޮށް ދޫކުރާ ލޯނުތަކެއްގެ ކަންތައް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަ ދަންނަވަން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފިއްލަދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށެވެ. އަދި މަގުތަކާއެކު ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްވެގެން ދިއުމަކީ އެ ރަށުގެ ފަތުރުވެރިކަމަށް ފައިދާކުރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކެލާ ފަޅުގައި ދެ ރިސޯޓާއި ވަށަފަރުގައި ސިޓީ ހޮޓަލެއް ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި އެމްޓީޑީސީއަށް ރިސޯޓު ހަދަން 2006 ވަނަ އަހަރު ދޫކުރި ހދ. ނާގޯށި ތަރައްގީ ކުރުމަށް ބޭންކް މެދުވެރިކޮށް ހާއްސަ ފެސިލިޓީއެއް ފަހިކޮށްދީ، އެ ރިސޯޓު ހުޅުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.