Lމައްސަލަތައް ކުރިމަތިވާފަދައިން ނުވަތަ ކޮންމެ މައްސަލައެއްވެސް އައިފަދައިން އެނބުރިދާނެއެވެ. އެއްވެސް މައްސަލައަކީ މުޅި ޙަޔާތުގައި ތިބާއާއިއެކު ދެމިގެންދާނެ ކަމެއްކަމަށް ނުދެކޭށެވެ! ވީމާ މައްސަލައެއް ކުރިމަތިވާއިރަށް އެއީ ޙަޔާތަށް ކުރިމަތިވި އެންމެ ބޮޑު ކަންތައް ކަމުގައި ނުދެކޭށެވެ! އަދި އެއީ ތިމާގެ މުސްތަޤްބަލް މަރައިލާ ކަމަކަށް ނުހަދާށެވެ!
ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ހަމަ މިވިސްނުމުން ވިސްނާށެވެ! ހިތްދަތިކަން ތިމާއާއި ބައްދަލުކުރިފަދައިން ވަކިވެގެންވެސް ދާނެއެވެ. ވެހޭ ތަނުގައި ފެންނަގާށޭ ބުބާ އުޞޫލުން އަހުރެމެން ވިސްނައި މަސައްކަތްކުރަންވީ އެޙާލަތުން ވީހާބޮޑު ފައިދާއެއް ހޯދުމަށެވެ. ދުނިޔެއާއި އާޚިރަތަށް ފައިދާކުރާނެ ގޮތުގައި ޙާލަތުގެ ބޭނުން ކުރުމަށެވެ.
އަހުރެން ދެކޭ ގޮތުގައި މައްސަލައަކަށްވަނީ މައްސަލައެއް ކުރިމަތިވުމެއް ނޫނެވެ. މައްސަލައެއް ކުރިމަތިނުވުމެވެ. އެހެނީ ކޮންމެ މައްސަލައަކާއިއެކުވެސް މީސްތަކުން ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވާން މަސައްކަތްކުރެއެވެ. އިތުރަށް ތަޤްވާވެރިވާންވެސް މަސައްކަތްކުރެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވުންވެސް ގިނަވެގެންދެއެވެ.
ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ ހުރިހާ ކަމެއްގެ ކޮންޓްރޯލްވެސް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ހުރިހާ މައްސަލަތަކެއްގެ ޙައްލުވެސް ވަނީ އެކަލާނގެ ޙަޟްރަތުގައެވެ. އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ.
ކިތަންމެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީނަމަވެސް ފިއްލަވަން އިރާދަކުރައްވަވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެއްފަހަރާ ހުރިހާ މައްސަލަތަކެއް ފިލުއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ހަމައެކަނި ތިބާގެ މައްސަލަތަކެއް ނޫނެވެ. ދުނިޔޭގައި ތިބި އެންމެންގެ ހުރި ހުރިހާ މައްސަލަތައް އެކުގައި ނަމަވެސް މެއެވެ.
ވީމާ ހުރިހާ ޙައްލަކީވެސް ގިނަގިނައިން ދުޢާކޮށް ޙައްލުކުރައްވަވައި ދެއްވެވުމަށް އެދުމެވެ! ވީމާ ދުޢާކުރުން ގިނަކުރާށެވެ! އަދި ކުރިމަތިވި ޙާލަތުން ވީހާ ގިނަ ޘަވާބު ލިބިގަތުމަށް މަސައްކަތްކުރާށެވެ! އެކަން ޙާޞިލުކުރެވޭނީ ކުރިމަތިވި ޙާލަތަށް ޝަކުވާނުކޮށް ޝުކުރުވެރިވާ މީހަކަށެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން