އިންޑިޔާގެ ބެންގަލޫރުގެ ކުންފުންޏެއް ކަމަށްވާ ޓޮޕްމޭޓުން މި ވަނީ ތަފާތު ވަޒީފާއެއް ހުޅުވާލާފައެވެ. އެ ކުންފުނީގެ މާކެޓިން ލީޑަރު، ނިމިޝާ ޗަންދާ، އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުންޏަށް ”ޗީފް ޑޭޓިން އޮފިސަރ“ އެއް ބޭނުންވާ ކަމަށެވެ.
މަގާމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅި، އެއް ފަހަރު ނަމަވެސް އެ ގުޅުން ކެނޑިފައިވާ މީހެއް ކަމުގައި ވުމެވެ. އަދި މިހާރު އާއިލާއެއް ބިނާކޮށްފައި ނުވާ މީހެއް ކަމުގައި ވާން ޖެހެއެވެ. އަދި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު، ބޮޑު ދެ މައްސަލައެއް ޖެހި، އެ ދެ މައްސަލަ ހައްލުކޮށްފައިވާ މީހެއް ކަމުގައިވެސް ވާން ޖެހެއެވެ. އަދި މި ޒަމާނުގައި ޑޭޓު ކުރުމަށް ބޭނުން ކޮށް އުޅޭ އިބާރާތްތަކާއި ބަހުރުވަތަކަށް ފަތިރަ ވާން ޖެހެއެވެ. އަދި އެފަދަ ޑޭޓިން އެޕްލިކޭޝަން ތަކުގެ ތެރެއިން މަދުވެގެން 2 އެޕްލިކޭޝަން ބޭނުންކޮށްފައިވާ މީހެއް ކަމުގައި ވާން ޖެހެއެވެ. އަދި މިއީ އަންހެން ބޭފުޅުންނަށްވެސް އަދި ފިރިހެން ބޭފުޅުންނަށްވެސް ކުރިމަތިލެވިދާނެ މަގާމެކެވެ.
ނިމިޝާ އިތުރަށް ބުނެފައިވަނީ އިންޓަވިއު މަރުހަލާގައި އެއްވެސް ލިޔެކިޔުމެއް ބޭނުން ނުކުރާނެ ކަމަށާއި ނަމަވެސް ހުރިހާ ސުވާލުތަކެއް ކުރެވޭނީ އަނގަބަހުން ކަމަށެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ތެދުބަހުން ވާހަކަ ދެއްކުމަށާއި އިހުލާސްތެރިވުމަށްވެސް އޭނާ ވަނީ އެ ޕޯސްޓުގައި ނަސޭހަތްތެރި ވެފައެވެ.
ޓޮޕްމޭޓުން ހުޅުވާލި މި މަގާމަށް ކުރިމަތި ލުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުންދާއިރު، ޓޮޕްމޭޓުން ބުނީ މި މަގާމުގެ ސެލެކްޝަން މަރުހަލާއަކީ ވަރަށް އުނދަގޫ ވާނެ މަރުހަލާއެއް ކަމަށެވެ. ނަމަވެސް ކުންފުނިން އަބަދުވެސް ބަލާނީ ކުންފުނީގެ ކަސްޓަމަރުންގެ ހައްގުތައް އެއްމެ ފުރިހަމައަށް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތަކަށްކަމަށެވެ.
މިއީ ދުނިޔޭގައިވެސް މިފަދަ ޝަރުތުތަކަކާއި އެކު ރަސްމީ ސިފައެއްގައި ކުންފުންޏަކުން އިއުލާނުކޮށްގެން ވަޒީފާއެއް ދޭ ފުރަތަމަ ފަހަރުކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.