އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ނަމާދެވެ. ނަމާދުގައި ކުރަންޖެހޭ އެންމެ މަތިވެރި ޢަމަލަކީ ސަޖިދަ ޖެހުމެވެ. ސަޖިދަ ޖެހުމަކީ މާތް ﷲ އާ އެންމެ ކުއްތަންވެވޭ ވަގުތެވެ. އަދި އޭގެ އިތުރުން ސަޖިދަ ޖެހުމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ.
ސަޖިދަ ޖެހުމަކީ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ހަރަކާތްކުރެވޭ ކަމެކެވެ. މިގޮތުން ސަޖިދަ ޖެހުމުން މޭމަތި، ކަރު، ބުރަކަށި އަދި އަތާއި ފައިގެ މަސްތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. އަދި ލޭ ދައުރުވުން ރަނގަޅުވެ، މަސްތަކަށް ބޭނުންވާ އޮކްސިޖަންއާއި ކެވެނީގެ މާއްދާތައް ލިބުން އިތުރުވެއެވެ. މީގެ އިތުރުން ސަޖިދަ ޖެހުމުން ސިކުނޑިއަށް ލޭ ދައުރުވާ މިންވަރު އިތުރުވެ، ސިކުނޑީގެ މަސައްކަތް ހަރުދަނާވެއެވެ. ސިކުނޑީގެ މަސައްކަތްތައް ހަރުދަނާ ވުމުގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ސްޓްރޯކް ޖެހުމާއި އެނޫންވެސް ސިކުނޑީގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން ސަޖިދަ ޖެހުމަކީ ހަޖަމުގެ ނިޒާމަށްވެސް ފައިދާހުރި ކަމެކެވެ. ސަޖިދައިގެ ސަބަބުން ބަނޑަށް ކުރާ ލުއި ބާރަކުން، ބަނޑުގައިވާ ގުނަވަންތަކުގެ ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. މައިދާ އާއި ގޮހޮރާއި އަދި އެނޫންވެސް ގުނަންތަކުގެ ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. ސަޖިދަ ޖެހުމަކީ ބޮލުގައިވާ ސައިނަސް އަށްވެސް ފައިދާ ކުރާ ކަމެކެވެ. ސަޖިދަ ޖެހުމުން، ސައިނަސްތަކަށް ކުރާ ބާރު އިތުރުވެ، ސައިނަސްތަކުގައި އުފެދޭ ޕުރެސަރެއްގެ ސަބަބުން، ސައިނަސްތައް ސާފުވުމަށް އެހީތެރިވެދެއެވެ. ސައިނަސްތައް ސާފުވުމަކީ ރޯގާއާއި އަދި އެނޫންވެސް އިންފެކްޝަންތަކުން އިންސާނާ ދުރުކޮށްދީ ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ސަޖިދަ ޖެހުމުން ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. މިގޮތުން ސްޓްރެސް ކުޑަވެ، ހިތްހަމަޖެހުން ލިބެއެވެ. އަދި ނިދި ރަނގަޅުވެ، ކަންބޮޑުވުންތައް ދުރުވެއެވެ. ސަޖިދައިގެ ޙާލަތުގައި ސިކުނޑިން ބޭރުކުރާ ހޯމޯންތަކުގެ ސަބަބުން މާޔޫސްކަން ދުރުވެ، އުފާވެރިކަން އިތުރުވެއެވެ. މިއީ ސައިންޓިފިކަލީ މިއަދު ހާމަ ވެފައިވާ ހަގީގަތްތަކެވެ.
ގަވާއިދުން ސަޖިދަ ޖެހުމުން ހަށިގަނޑުގެ ޕޮސްޗަރ (ސިފަ) ރަނގަޅުވެ، ގުދުލުމުން ދުރުކޮށްދީ، ބެލެންސް ނުވަތަ ”ހަމަ“ ހިފެހެއްޓުމަށް އެހީތެރިވެއެވެ. މިއީ ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް ވަރަށް މުހިންމު ކަމެކެވެ. އަދި ބުރަކަށީގެ ވޭން ކުޑަކޮށް، މަސްތައް ވަރުގަދަ ކުރުމަށް އެހީތެރިވެސް ވެދޭ ކަމެކެވެ.
ސަޖިދަ ޖެހުމަކީ މާތް ﷲ އަށް އަޅުކަން ކުރުމުގެ އިތުރުން، އިންސާނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، ދުވާލަކު ފަސް ފަހަރު އަދި ސުންނަތް ނަމާދުކޮށް ސަޖިދަ ޖެހުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް ކޮންމެހެން ބޭނުން ކަމެކެވެ.