ފަލަސްޠީނުގެ މިނިވަން ދައުލަތެއް ނެތި އިސްރާއީލާއެކު ގުޅުން ބަދަހި ނުކުރާނަން: ސައުދީ
ދެންމެ | 05 ފެބްރުއަރީ 2025

ސަޢޫދީ ޢަރަބިއްޔާއިން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ނެތި އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް އިންކާރުކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާ ގުޅޭގޮތުން އެ ޤައުމުގެ ދިގު މުއްދަތުގެ ސިޔާސަތަކީ ދެމެހެއްޓެނިވި އަދި މަޝްވަރާކުރެވޭނެ ކަމެއް ނޫންކަން ހާމަކޮށްފައެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ގިނަ ފަހަރު މަތިން ތަކުރާރުކޮށްފައިވާ ބަޔާނެކެވެ.

މި ބަޔާން ނެރުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ޣައްޒާގެ ހުރިހާ ފަލަސްޠީނުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަޙައްދު އެމެރިކާގެ މިލްކިއްޔާތަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށް ބުނި ބުނުމަށް ފަހުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ލީޑަރުން ވަނީ ތަކުރާރުކޮށް، އިސްރާއީލާއެކު ރަސްމީ ގުޅުން ބަދަހިކުރެވޭނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެން ކަމުގައި ބަޔާންކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ޝޫރާ މަޖިލީހުގައި ވަލީ ޢަހުދު ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލާފައިވެއެވެ. އެ ވާހަކަފުޅުގައި އޭނާ ވިދާޅުވެފައިވަނީ، އިރުމަތީ ޖެރޫސަލަމަކީ އޭގެ ވެރިރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެކަން ނުވެ އިސްރާއީލާއެކު ގުޅުން އާދައިގެ ހާލަތަކަށް ނުގެންދާނެ ކަމަށެވެ.

”ސަޢޫދީ ޢަރަބިއްޔާއިން ކުރިން އިޢުލާނުކޮށްފައިވާ ފަދައިން، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތަކާ މެދު ހަރުކަށިކަމާއެކު އިންކާރު ކުރާ ވާހަކަ އަލުން ބަޔާންކުރަމެވެ. އެއީ އިސްރާއީލުގެ އާބާދުކުރުމުގެ ސިޔާސަތުތަކުން ކަމުގައި ވިޔަސް، ފަލަސްޠީނުގެ ސަރަޙައްދުތައް އަތުލުމުން ކަމުގައި ވިޔަސް، ނުވަތަ ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް މަސައްކަތްކުރުން ކަމުގައި ވިޔަސް މެއެވެ.“ ސަޢޫދީ ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!