މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން: ރައީސް
ދެންމެ | 06 ފެބްރުއަރީ 2025

މި އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ ނިމިދިޔަ އަހަރުއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ސަރުކާރުން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި، މިހާތަނަށް ފަތުރުވެރިކަން ތަރައްޤީކުރެވިފައި ނުވާ ހދ. އަތޮޅާއި ތ. އަތޮޅު ފަދަ ސަރަޙައްދުތަކުގައި އިންވެސްޓްމަންޓް ލުއިފަސޭހަތަކާއި އިތުރު ޙަވާސާތައް ދިނުމާއެކު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ފާއިތުވި އަހަރު އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ވައިޑްބޮޑީ މަތިންދާބޯޓު ތަޢާރަފުކުރުމާއި، ޗައިނާގެ އިތުރު ސިޓީތަކާއި އެހެނިހެން ސަރަޙައްދުތަކަށް ޤައުމީ އެއަރލައިންގެ ބައިނަލްއަޤްވާމީ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހު އިތުރު ވައިޑްބޮޑީ މަތިންދާބޯޓެއް ގެނައުމަށް ހަމަޖެހިފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕުގެ ބައެއް މަންޒިލުތަކަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިނުން ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!