ދިވެހިންގެ ޒާތީ މައުލޫމާތަކީ ހުރުމަތްތެރި އެއްޗަކަށް ހަދާނަން: ވަޒީރު އިހްސާން
ދެންމެ | 08 ފެބްރުއަރީ 2025

ޑިޖިޓަލް އައިޑީކާޑެއް ތައާރަފ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކާޑް ބޭނުންކުރަން ފެށުމުން އެއްވެސް އިދާރާއަކުން ކާޑަށް ވަދެ ޒަތީ މައުލޫމާތު ނަގާނަމަ އެމީހަކަށް އެނގޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާބް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނާއި ގުޅިގެން ދައުލަތުގެ މީޑިއާއި ގެނެސްދިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދަށް ޑިޖިޓަލް އައިޑީކާޑް ތައާރަފު ކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށެވެ.

އެ ކާޑުވެގެން ދާނީ މި ޒަމާނަށް ފެތޭ ފެންވަރުގެ އިންޓަނޭޝަނަލް ސްޓޭންޑަޑްގައި ގާއިމްކުރާ އައިޑެންޓިޓީއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވެސް އިދާރާއަކުން އެ ކާޑަށް ވަދެ ޒާތީ މައުލޫމާތު ނަގާނަމަ ހާދޫފެ ވެރިފަރާތައް އެނގޭނެކަމަށާއި ވެރިމީހާގެ ރުހުން ނެތި ކުރިޔަށް ނުދެވޭނެކަމަށެވެ.

“ އޭރަށް ރައްޔިތު މީހާއަށް ފެންނާނީ އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓާގެ ފަރާތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާ ކަމަށްވާ ނަމަ، އެ މީހެއްގެ ކޮންސެންޓް އެކަމުގައި ބޭނުންވާނެ. އެ ކޮންސެންޓާ އެކުގައި އެ އިދާރާއަކުން އެކަން ކުރާނީ،“ މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ކާޑަށް ވަމުމުގެ ރުހުން ދިނުމަށްފަހުވެސް ކާޑަށް ވަނީ ކާކު ކީއްކުރަންތޯވެސް ބަލާލެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދ އޭރުން އެކަމުގެ ހިތްހަމަ ޖެހުން ލިބިގެންދާނެކަންވެސް އިހްސާން ފާހަގަކުރެއްވިއެވެ.

“ މީހާއަށް ބަލައިލެވޭނެ ކޮންސެންޓް ދިނުމަށް ފަހު ވެސް ކާކުތޯ ކޮން ސަބަބަކާ ހުރެތޯ ތިމަންނާގެ މި ޒާތީ މައުލޫމާތަށް އެކްސެސްވެފައި މި އޮތީ.“ މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ޒާތީ މައޫލޫމާތަށް ވަނުމުން އެނގޭކަހަލ ޑިޖިޓަލް އައިޑީކާޑެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރު މި ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީއަށް މީހުން އިތުރުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި އައިޑީކާޑުތަކުގެ މައުލޫމާތުތައް ނަގައިގެން ވަގު ފޯމްތަކެއް ފުރިކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އެ މައްސަލާގައި (ޑީއެންއާރު) އޮފީހުގެ ތެރޭގައި އެ މަސައްކަތްކޮށް ފޯމުތައް ފުރިކަމަށް އެ އިދާރާގެ ވެރިން ވަނީ އިއުތިރާފުވެފައެވެ.

ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ސައްހަ ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރުގެ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިހަށް ވައްދާފައެވެ. އަދި އެ މައްސަލަ ބަލަން އެދި އޭސީސީއާއި ފުލުހުންނަށް ވެސް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.

ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށައަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!