ގްރޭޓާ މާލެ ސަރަހައްދުން ޖުމްލަ 446 އެއްގަމު އުޅަނދު ޓްރާންސްޕޯޓް މިނިސްޓްރީން ނައްތާލައިފި އެވެ.
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ”ޑީކޮންޖެޝަން ޕްރޮގްރާމް“ ފަށާފަ އެވެ.
އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 446 އުޅަނދު ނައްތާލާފައިވާއިރު މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ 2 ފުރޮޅުލީ އުޅަނދުގެ އަދަދަކީ 106،792 ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނު އިރު، 2024 ވަނަ އަހަރު 8،400 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9.18 އިންސައްތާގެ ގެ ދަށްވުމެކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
ކާރުތަކުގެ ރަޖިސްޓްރޭޝަނަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ ކާރުގެ އަދަދަކީ 7،553 އެވެ. އަދި 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވާ އިރު، 2024 ވަނަ އަހަރު ވަނީ 301 ކާރު ރަޖިސްޓްރީކޮށްފައިކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިއީ 73.78 އިންސައްތާގެ ގެ ދަށްވުމެކެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ޕްރޮގްރާމް ފަށައިފައި ވަނީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވެ، ޓްރެފިކް މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯ ކުރުން ހިމެނެ އެވެ.