ޞަބުރަކީ، ކެތްތެރިކަމަށް އަރަބިބަހުން ބޭނުންކުރާ ބަހެކެވެ. ކެތްތެރިކަމަކީ ހަމައެކަނި ގޮންޖެހުންތަކާ ކުރިމަތިލުމަށްވުރެ މާ ފުންކޮށް އޮތް ކަމެކެވެ. އެއީ އިތުބާރާއި، ކެރުންތެރިކަމާއި، އުއްމީދުގެ ޙާލަތެކެވެ. ދަތި އުނދަގޫ ވަގުތުތަކުގައި، ކެތްތެރިކަމުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ އީމާންކަމުގައި ސާބިތުވެ ތިބުމަށެވެ. ކޮންމެ ވިއްސާރައެއްވެސް ނިމޭނެކަމާއި، ކޮންމެ ކަރުނައަކީ ވަގުތީ އެއްޗެއްކަން ހަނދާންކުރަންޖެހެއެވެ.
ކެތްތެރިކަމަކީ އަމަލެއް ނެތި ތިބުމެއް ނޫނެވެ. އެއީ ދޫކޮށްލުން ފަސޭހަވާ ހިނދު، ކުރިއަށް ދިއުމަށް ނިންމާ ހިތްވަރުގަދަ ނިންމުމެކެވެ. އެއީ ހިތްދަތިވެ ރޮވޭ ހިނދު ސާބިތުވެ ހުރުމުގެ ޤާބިލުކަމެވެ. ހަމަނުޖެހުމުގެ ތެރޭގައި ހަމަޖެހިގެން ތިބުމެވެ. އަދި އަނދިރިކަމުގެ ތެރޭގައިވެސް އަލިކަން ފެނުމެވެ. ކެތްތެރިކަމަށް ބޭނުންވަނީ ބާރެވެ. އެހެނަސް އޭގެ ސަބަބުން ލިބެނީ ފުން ހިތްހަމަޖެހުމެކެވެ. ގިނަ ފަހަރު އެންމެ އުއްމީދު ނުކުރާ ގޮތްގޮތުންނެވެ.
ވެލީގައި ވަޅުލެވިފައިވާ އޮށެއް ހިތަށް ގެނެސްބަލާށެވެ. އެ އޮށް އޭގެ ޙާލަތާ ދެކޮޅެއް ނުހަދައެވެ. އަދި އަވަސް އަވަހަށް ހެދުމަކަށްވެސް ނޫޅެއެވެ. އޭގެ ބަދަލުގައި، އެ އޮށް މަޑުކުރެއެވެ. ނުފެންނަ ބާރުތަކުން ގޮވާލުމުން އެއޮށް މާމެލާމެލީގެ ސިފައިގައި، ފުރިހަމަ ރީތި ކަމާއެކު ނުކުންނާނެއެވެ. ހަމަ މިފަދައިން، ކެތްތެރިކަމުން އަޅުގަނޑުމެންގެ ނަޒަރިއްޔާތު ބަދަލުކުރެއެވެ. އަޅުގަނޑުމެން ކުރިމަތިލާ ކޮންމެ ތަޖުރިބާއަކުން އަޅުގަނޑުމެން އެކުލަވާލައެވެ. އަޅުގަނޑުމެންގެ އަޚްލާގް އިތުރަށް ރަނގަޅުކޮށް، ޙިކުމަތް އިތުރުކުރެއެވެ.
ކެތްތެރިކަމުގެ މަގު ދިގު އަދި އެކަނިވެރި ކަމުގައި ފެނުނު ނަމަވެސް، އޭގެ ނަތީޖާއަކީ ހައިރާންކުރުވަނިވި ކަމެކެވެ. މިއަދު ތިބާ އުފުލާ ވޭނަކީ މާދަމާގެ އުފަލަށް މަގު ފަހިކޮށްދޭ އެއްޗެކެވެ. ތިބާ ތަޙައްމަލުކުރާ އުނދަގޫތަކަކީ ބޭކާރު ކަމެއް ނޫނެވެ. އެއިން ތިބާގެ ހިތް އިތުރަށް ވަރުގަދަކޮށް، އޯގާތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ފުންމާނަތަކާ އިތުރަށް ގުޅުވައިދެއެވެ.
އެހެންކަމުން، އޭ ލޮބުވެތި އަޙާއެވެ. ސާބިތުވެ ހުންނާށެވެ. މި މަރުހަލާއަށް އިތުބާރުކުރާށެވެ. ކްތތެރިކަމުގެ ނަތީޖާއަކީ މަޑުކުރުމުގެ އަގު ހުރި އެއްޗެކެވެ. އެއީ ރީތި، އަލިގަދަ، އަދި ތިބާއަށް ޚިޔާލުކުރެވޭ މިންވަރަށްވުރެ މާ މަތިވެރި އެއްޗެކެވެ.