މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
ދެންމެ | 12 ފެބްރުއަރީ 2025

ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުالله ރިފާއުއެވެ.

 

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:

ފުރަތަމަ ދައުރު: ފެބްރުއަރީ އެކަކުން މެއި 15ގެ ނިޔަލަށް

ދެވަނަ ދައުރު: ޖޫން އެކަކުން އޮގަސްޓު 15ގެ ނިޔަލަށް

ތިންވަނަ ދައުރު: އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށް

 

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށެވެ. މި ދައުރު ފެށީ މި މަހު 6 ގައެވެ.

އެހެން ނަމަވެސް، އަހަރުގެ ދެން ހުރި ދައުރުތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށާ، އެ އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރުގައިކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެ ކުރިން ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!