ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު ހެލްތް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ މިފަދަ ތަކެތި އަތުލެވޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރެވުނު ނަމަވެސް، އޭގެކުރިން އެތެރެކޮށްފައިވާ ވޭޕްތައް އަތުލުމުގެ ބާރު ކުރީގެ ގާނޫނުން ދީފައެއްނުވެއެވެ. މި އައު ގަވާއިދާ އެކު، އަތުލެވޭ ތަކެތި އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދާނެއެވެ.
މި ގަވާއިދު ތަންފީޒުކުރަން ފެށުމާއެކު، ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ދިނުމާ ގުޅޭ ގޮތުން ކުރިން ކަނޑައަޅާފައިވާ ޖޫރިމަނާތައް ވެސް ދެމިހުންނާނެއެވެ. މިގޮތުން، ވޭޕްކޮށްފިނަމަ 5،000 ރުފިޔާއިން، ހިލޭ ވޭޕެއް ދީފިނަމަ 10،000 ރުފިޔާއިން، އަދި ވޭޕް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ވޭޕް ބޭނުންކޮށްގެން 29 މީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މި ގަވާއިދުގެ ދަށުން، ސިނގިރޭޓު ނުވަތަ ބިޑި އުފެއްދުމަށް ބޭނުންކުރާ ބައެއް ތަކެތި އެތެރެކުރުމަށް ވެސް ވަނީ ހަނިކުރުންތަކެއް ގެނެސްފައެވެ. މިގޮތުން، ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮއްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެ ތެރެކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ސިނގިރޭޓު ނުވަތަ ބިޑި އުފެއްދުމަށް ބޭނުންކުރާ ފިލްޓަރާއި ރޯލްނުކޮށް ހުންނަ ކަރުދާސް، އަދަދު 50 އަށް ވުރެ އިތުރުނުވާނަމަ އެތެރެކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ރޯލިން ޓޮބޭކޯ ފަދަ ދުންފަތުގެ ބާވަތްތައް އެތެރެކުރުމާ ގުޅޭ ގޮތުން ވެސް އައު ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، މިފަދަ ތަކެތި އެތެރެކުރާއިރު ޕެކެޓުކޮށްފައި ހުންނަންވާނީ މަދުވެގެން 30 ގުރާމަށް ވުރެ އިތުރުނުވާ ގޮތަށް ކަމަށާއި، ޕެކެޓެއްގައި 100 ގުރާމަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އައު ގަވާއިދު ތަންަވާއިދު ތަންފީޒުކުރަން ފެށުމާއެކު، ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ގަވާއިދުގެ ސަބަބުން، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވޭޕްގެ ބޭނުންކުރުން މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ގަވާއިދު ތަންފީޒުކުރުމުގައި ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. އަދި މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.