މިފްކޯއިން ބުނީ މި މަހުގެ 12 ވަނަ ދުވަހުގައި ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން 12 ވަނަ ދުވަހު 48 މަސް ދޯންޏަކުން 546 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެެފައިވެއެވެ.
މިފްކޯއިން ބުނީ، އެ ދޯނިތަކަށް ޖުމްލަ 7,648,825.83ރ (ހަތް މިލިއަން ހަ ލައްކަ ސާޅީސް އަށް ހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ އަށްޑިހަ ތިން ލާރި) ދައްކާފައިވާ ކަމަށެވެ.
އެއީ، މިދިޔަ ބުދަ ދުވަހު މަސް ދޯނިތަކުން ކިރާފައިވާ މަހުގެ އަގެވެ. މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ބީއެމްއެލްއިން ވަނީ އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.
މިފްކޯއިން ބުނީ، އެހެން ބޭންކް ޓްރާންސްފާތައް ބޭންކުތައް އެންމެ އަވަހަށް ހުޅުވާ ދުވަހުގެ ހަވީރު 4:30ގެ ކުރިން ކްލިއާ ކުރެވޭނެ ކަމަށެވެ.
ސަރުކާރުންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
އަދި މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި, ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މަސް ކިރުމުގެ އިންތިޒާމް ފަހިވެގެންދާނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.