ކުދިންނާއި މެދު ހަމަހަމަ ވޭ!
ދެންމެ | 19 ފެބްރުއަރީ 2025

ކޮންމެ ދަރިވަރަކީވެސް އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ޝަޚްޞިއްޔަތެއް އަދި މިޒާޖެއް ލިބިފައިވާ ފަރުދެކެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުން އަބަދުވެސް ފާހަގަކުރާ ޙަޤީޤަތެކެވެ. ހާއްސަކޮށް ބެލެނިވެރިންނެވެ. ސުވާލަކީ މިފަދަ ތަފާތު މިޒާޖުތަކެއްގެ ކުދިންތަކެއްގެ މެދުގައި ހަމަހަމަކަން ޤާއިމުކުރެވިދާނެތޯއެވެ؟ ނުވަތަ އަދުލުވެރިކަން ޤާއިމު ކުރެވިދާނެތޯއެވެ؟

 

ފުރަތަމަ ކަމަކަށް، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކޮންމެ ކުއްޖަކީވެސް ވަކި ގޮތަކަށް ވިސްނާ، ވަކި ގޮތަކަށް އުނގެނޭ، އަދި ވަކި ގޮތަކަށް އަމަލުކުރާ ފަރުދެއްކަމެވެ. މި ތަފާތުތަކަކީ ޤުދުރަތީގޮތުން އުފެދިފައިވާ ކަންކަމެވެ. އެހެންކަމުން، ހުރިހާ ކުދިންނާމެދު އެއްގޮތަކަށް، ހަމަހަމަކޮށް އަމަލުކުރުމަކީ އެކުދިންގެ މެދުގައި އަދުލުވެރި ނުވެވޭނެ ކަމެކެވެ. އަދި އެކުދިންނަށް ޢިލްމު އުނގެނުމަށްވެސް އުނދަގޫ ކުރުވާނެ ކަމެކެވެ. ކޮންމެ ކުއްޖެއްގެވެސް އެ ހުންނަ ހާއްސަ މިޒާޖަކާއި އެކު އެކުއްޖަކާ ކުރިމަތިލުން އެއީ އަދުލުވެރި ގޮތެވެ. އެ ކުއްޖަކު ޝައުގުވެރިވާ ގޮތަކަށް އެކުއްޖަކަށް ކިޔައިދީ ބުނެދިނުމަކީ އިންސާފުވެރި ގޮތެވެ. ފަހަރުގައި އެކުއްޖާ އާއި މިކުއްޖާއަށް ބުނެދޭން ޖެހޭ ގޮތް ތަފާތުވެދާނެއެވެ. އެއީ ތަފާތު ކުރުމެއް ނޫނެވެ.

 

އާދޭހެވެ! ހަމަހަމަކަން ޤާއިމުނުކުރެވުމުގެ މާނައަކީ އަދުލުވެރިކަމާއި އިންސާފު ޤާއިމުނުކުރެވޭނެ ކަމެއް ނޫނެވެ. އަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން، ކޮންމެ ކުއްޖަކަށްވެސް އަދުލުވެރިކަމާއި އެކު ފުރުޞަތުތައް ދިނުމަކީ މުހިންމު ކަމެކެވެ.

 

ދަރިވަރުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުމަށް ބެލެނިވެރިން ކިތައްމެ ބާރަކަށް ގޮވި ނަމަވެސް، ކުދިންގެ ތަފާތު މިޒާޖުތަކަށް ރިޢާޔަތްކުރަން ޖެހެއެވެ. އެއީ އެކުދިންގެ އިންސާނީ ހައްގެކެވެ. މިސާލަކަށް، ބައެއް ކުދިންނަށް އަޑުއަހައިގެން ރަނގަޅަށް އުނގެނެވޭއިރު، އަނެއްބައި ކުދިންނަށް ޢަމަލީގޮތުން ކަންކަން ކޮށްގެން ރަނގަޅަށް އުނގެނެވެއެވެ. މިފަދަ ތަފާތުތަކަށް ރިޢާޔަތްކޮށް، އެއްކުއްޖަކަށް ތަފުސީލުކޮށް ކިޔައިދޭއިރު، އަނެއްކުއްޖަކަށް މާ ތަފުސީލުކޮށް ކިޔައި ނުދީ އަމަލީ މިސާލަކުން ބުނެދެވިދާނެއެވެ. ކޮންމެ ކުއްޖަކަށްވެސް އެންމެ އެކަށޭނަ ގޮތަކަށް އުނގަންނައިދިނުމަކީ އިންސާފުވެރިކަމާއި އަދުލުވެރިކަން ޤާއިމުކުރުމުގެ މުހިންމު ބައެކެވެ. ބެލެނިވެރިން ހަނދާންކުރަންވީ މިއީ ތަފާތު ކުރުން ނޫން ކަމެވެ. މިހުންނަނީ އިންސާނާގެ ޠަބީއަތުން އަދުލުވެރިވުމަށްޓަކައި ކިޔަވައިދުނުމުގައި ގެންނަންޖެހޭ ކުދިކުދި ބަދަލުތަކެވެ.

 

ކުދިންގެ މިޒާޖު ތަފާތުވިޔަސް، އަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަން ޙާޞިލުކުރެވޭނީ ކޮންމެ ކުއްޖެއްގެވެސް ވަކި ޚާއްޞަ ސިފަތަކަށް ސަމާލުކަންދީ، އެ ކުދިންނަށް އެންމެ އެކަށޭނަ ގޮތްތައް ބޭނުންކޮށްގެންނެވެ. ހަމަހަމަކަމާއި އަދުލުވެރިކަމަކީ އެއްވެސް ހާލެއްގައި އެއްގޮތް ކަމެއް ނޫނެވެ. ހަމަހަމަ ވުމަށް އެދޭނަމަ، ފަރިތަ ކުއްޖާ ބާކީކުރަން ޖެހޭ ކިތައްމެ ހާލަތެއް އަންނާނެއެވެ. އަދި ނުފަރިތަ ކުއްޖާ ބާކީ ކުރަންޖެހޭ ކިތައްމެ ހާލަތެއްވެސް އަންނާނެއެވެ. ނަމަވެސް އަދުލުވެރިވެވޭނަމަ، ފަރިތަ ކުއްޖާވެސް އަދި ނުފަރިތަ ކުއްޖާވެސް ބާކީ ވެގެނެއް ނުދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!