ޓްވިޓާ ނުގަންނަން މަހުޖަނު އީލޮން މަސްކް ނިންމެވުމާ ގުޅިގެން އެ މައްސަލާގައި ޓްވިޓާ އިން ކޯޓަށް ދާން ނިންމާފައިވާތީ އޭނާ ޓްވިޓާގައި މީމްތަކާ އެކީ އެކަމަށް ޖޯކް ޖައްސަވައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ޓްވިޓާ އިން ބުނީ އޭނައަކަށް އެ ނުގަނެވޭނެ ކަމަށެވެ. އެކަމަކު އެކަމަށް ގޮންޖަސައްވައި ޓްވިޓާ ގަންނަން 44 ބިލިއަން ޑޮލަރު ހުށަހެޅުމުން އެކަމާ އެއްބަަސްވުމަށް ފަހު، ބޮޓް އެކައުންޓްތައް ނުވަތަ ފޭކް އެކައުންޓްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އެދުމުން ޓްވިޓާ އިން އެކަން ނުކޮށްދިން ކަމަށެވެ.
އެހެންވެ އެންމެ ފަހުން މިހާރު މަސައްކަތްކުރަނީ ކޯޓަށް ގޮސްގެން ޓްވިޓާ ގަނުވަން މަޖުބޫރުކުރަން ކަމަށާއި އޭރުން ދެން ވާނެ ގޮތަކީ އޭނަ ސާފުކޮށްދޭން އެދުނު ބޮޓް އެކައުންޓްތަކާ ބެހޭ މައުލޫމާތު ކޯޓްގައި ހާމަކުރަން ޖެހުން ކަމަށް ވިދާޅުވި އެވެ.
ޓްވިޓާ ނުގަންނަން އީލޮން ނިންމެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއާ އެކީ ޓްވިޓާ އިން އެ މައްސަލާގައި ދެން އީލޮންއާ ބައްދަލުކުރާނީ ކޯޓުން ކަމަށާއި މިކަމުގައި ކޯޓުން އިންސާފު ވެސް ލިބޭނެ ކަމަށް ބުނެފަ އެވެ. ޓްވިޓާ ގަންނަން އީލޮން ހުށަހެޅުއްވީ އެޕްރީލް މަހުގެ 14 ގަ އެވެ. އޭގެ ކުރިން އެ މަހުގެ ކުރީކޮޅު އޭނ 2.89 ބިލިއަން ޑޮލަރަށް ޓްވިޓާގެ 9.2 ހިއްސާ ބައްލަވައިގަތެވެ.
ޓްވިޓާ ގަތުމުގެ މުއާމަލާތް އީލޮން މަޑުޖައްސައިލެއްވީ މެއި މަހުގެ މެދުތެރޭގަ އެވެ. އަދި އެގޮތަށް ނިންމީ ފޭކް ނުވަތަ ސްޕޭމް އެކައުންޓްތަކާ ބެހޭ މައުލޫމާތު ސާފުކޮށްދޭން ޓްވިޓާ އިން ފަސްޖެހުމުންނެވެ. އޭނާ ޓްވިޓާ ގަތުން ހުއްޓާލި އިރު، ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މުއާމަލާތުގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލާފައި ނަމަ ބިލިއަން ޑޮލަރު އަނެއް ފަރާތަށް ދައްކަންޖެހޭނެ އެވެ.
ސްޕޭސް އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާގެ މިލްކިއްޔާތު 237.9 ބިލިއަން ޑޮލަރަށް އަރަ އެވެ.