އިންސާނުން ކައިބޮއެ އުޅޭ ތަކެތީގެ ތެރެއިން މާމުޔަކީ އާދަޔާ ހިލާފު އެއްޗެއް. ޤުދުރަތީ ޙާލިސް މާމުޔަކީ އޭގެ ރަހަ މީރު އަދި އޭގެ ފައިދާ އިންތިހާއަށް ގިނަ ބުއިމެއް. މާމައި ކުޅަނދުރުގެ ހަތައިގާ އުފެދޭ މި، މީރު އަދި ފައިދާ ހުރި ބުއިމަކީ އިންސާނުންގެ ސިއްޙަތަށްވެސް ވަރަށް ބޭނުންތެރި ބުއިމެއް.
ޤުދުރަތީ ޙާލިސް މާމުޔަކީ ދުވަހަކުވެސް ކުނި ނުވާނެ އެއްޗެއްކަން ދެނަހުރީމުތަ؟ ސައިންސުވެރިންނާއި އާކިއޮލޮޖިސްޓުން ހޯދާފައިވާ ބައެއް ހޯދުންތަކުން އެނގޭ ގޮތުގައި އެއަށް ބަދަލެއް ގެނެސްފައި ނުވާ ޤުދުރަތީ ޙާލިސް މާމުޔަކީ ކުނި ވާނެ އެއްޗެއް ނޫން. އެގޮތުން މިސްރުގެ ޤަދީމީ އަހުރާމު ތަކުގެ ތެރޭގައި އެކި ގޮތް ގޮތަށް ރައްކާކުރެވިފައި ހުރި އެތައް މާމުއި ޖާޑިއެއް ވަނީ އާކިއޮލޮޖިސްޓުން ހޯދާފަ. އަދި މި ތަކެތީގެ އުމުރަކީ 4000 އަހަރާއި 3000 އަހަރު ކަމުގައި ވަނީ ހޯދިފަ.
ސައިންސުވެރިން ވަނީ މި މާމުއިތައް ދިރާސާކޮށްފަ. މި ދިރާސާތަކުން ފެނިފައިވަނީ އެ މާމުއި ތަކަކީ އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް ބޭނުން ކުރަން އެއްމެ އެކަށޭނެ ތަކެތިކަން. އަދި އެއީ ބަދަލެއް ގެނެސްފައު ނުވާ ޤުދުރަތީ ޙާލިސް މާމުއިކަން. މި ހޯދުންތަކާއި އެކު ސައިންސުވެރިން ވަނީ ޤުދުރަތީ ޙާލިސް މާމުއީގެ ދިރާސާތަކެއްވެސް ކޮށްފަ. އެނގިގެން ދިޔައީ ޤުދުރަތީ ޙާލިސް މާމުޔަށް ކުޑަ ނަމަވެސް ބަދަލެއް ގެނެސްފިނަމަ، އެ މާމުއި ކުނިވާނެކަން. އެކަމަކު އެއްވެސް ބަދަލެއް ގެނައުމަކާއި ނުލާ ބެހެއްޓޭ ޤުދުރަތީ މާމުޔަކީ ކުނިވުމެއް ނުވާ އެއްޗެއްކަން. މި ދިރާސާތަށް ކޮށްފައިވަނޫ މިސްރުގެ ސައިންސުވެރިންނާއި އާކިއޮލޮޖިސްޓުން.