ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދިނުމުގައި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވާމަންޓް އާދަމް ޝަރީފް އުމަރު އިލްތިމާސް ކުރައްވައިފި އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ ލޯކަލް ޓޫރިޒަމް އާއި ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ރޯދަ މަހު ޓޫރިސްޓުންނަށް ކާންދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، އާންމުންނަށް ނުފެންނާނެ ގޮތަކަށް ހިދުމަތް ދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފުޅާ ދާއިރާއެއްގައި މިހާރު ލޯކަލް ޓޫރިޒަމް ހިންގައެވެ.
މިގޮތަށް ގެސްޓުހައުސްތައް ހިންގާ ރަށްރަށުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ފަތުރުވެރިން އުޅެމުންދާ މައްސަލަ ރަމަޟާން މަހުގައި ވަރަށް ބޮޑަށް ފެންމަތިވެއެވެ.
އެގޮތުން ބަލާއިރު ރޯދަ މަހު ދުވާލު އާންމުންނަށް ފެންނާނެހެން ކެެއިން ބުއިމުގެ ކަންކަން އިންތިޒާމުކޮށްފައި ހުރުމާއި، ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމުންގެ ތެރޭގައި އުޅުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.