ތުންފަތް ބޮޑު ކުރުމާއި ތުންފަތުގައި ކުލަލުން!
ދެންމެ | 09 މާރޗް 2025

ތުންފަތުގެ ބޮޑުމިނާއި ބައްޓަން ރީތިކުރުމަށްޓަކައި ތުންފަތް ބޮޑުކުރުމަށް ”ފިލަރ“ ބޭނުންކުރުމަކީ މިހާރު ވަރަށް މަޤްބޫލު ކޮސްމެޓިކް ފަރުވާއެކެވެ. މިފަރުވާގައި އާންމުކޮށް ”ހަޔަލޫރޮނިކް އެސިޑް “ އިން ހަދާފައި ހުންނަ މާއްދާއެއް، ތުންފަތަށް އިންޖެކްޓްކޮށްގެން ތުންފަތް ބޮޑުކޮށް ފެންނަ ގޮތް ހެދުމަށް ބޭނުންކުރެވެއެވެ. ގިނަ މީހުން މި ފަރުވާ ހޯދަނީ ރީތިވުމުގެ ބޭނުމުގައި ކަމުގައިވީ ނަމަވެސް، މިކަމާ ގުޅިފައިވާ ފައިދާތަކާއި އަދި ލިބިދާނެ ގެއްލުންތައް އެނގިފައި އޮތުމަކީ މުހިންމު ކަމެކެވެ.

 

މީހުން ތުންފަތް ބޮޑުކުރަނީ ކީއްވެ؟

ގިނަ މީހުން ތުންފަތް ބޮޑުކުރުމަށް އިޚްތިޔާރުކުރަނީ ”ތުންފަތް ބޮޑުކޮށް، އެއްވައްތަރުކޮށް“ ހެދުމަށް ނުވަތަ އުމުރުގެ ސަބަބުން ގެއްލިފައިވާ ތުންފަތުގެ ބޮޑުމިން އަލުން ހޯދުމަށެވެ. ބައެއް މީހުން މިކަން ކުރަނީ މޫނުގެ ސިފަތައް ރީތިކުރުމަށް، ކޮންފިޑެންސް އިތުރުކުރުމަށް، ނުވަތަ މަޝްހޫރު މީހުންނާއި ސޯޝަލް މީޑިޔާގެ ސަބަބުން އައިސްފައިވާ ރީތިވުމުގެ ޓްރެންޑްތަކާ އެއްހަމަކުރުމަށެވެ. އަނެއްބައި މީހުން ތުންފަތް ބޮޑުކުރަނީ ތުންފަތުގެ އެއްވައްތަރުކަން ނެތުން ނުވަތަ ތުންފަތުގައި ހުންނަ ނިޝާންތައް ރަނގަޅުކުރުމަށެވެ. މި ފަރުވާއަކީ ސަރޖަރީއާ އަޅާބަލާއިރު މާބޮޑު އުނދަގޫކަމެއް ނެތި ކުރެވޭ ކަމަކަށްވާތީ، އަވަހަށް ރީތިވެ، މާގިނަ ދުވަސްތަކެއް ނަގާ ކަމެއް ނޫންކަމުން، މިއީ ގިނަ މީހުން އިޚްތިޔާރުކުރާ ކަމެކެވެ.

 

މިކަމުގައި އެއްވެސް ފައިދާއެއް ވޭތޯ؟

ޤާބިލު ފަންނުވެރިއެއްގެ އަތުން ރަނގަޅަށް ކުރެވިއްޖެނަމަ، ތުންފަތް ބޮޑުކުރުމުން ވަގުތީ ނަމަވެސް ފާހަގަކުރެވޭ ނަތީޖާތަކެއް ލިބެއެވެ. މިކަމުން ތުންފަތުގެ އޮމާންކަން އިތުރުވެ، ތުންފަތުގެ ބައްޓަން ރީތިވެ، އަދި އިތުރަށް ޒުވާންކަން ދައްކުވައިދޭ ސިފައެއް ގެނުވައިދެއެވެ. ހަޔަލޫރޮނިކް އެސިޑް އަކީ ހަށިގަނޑުގައި ޤުދުރަތީގޮތުން އުފެދޭ އެއްޗަކަށްވާތީ، މިއީ އާންމުގޮތެއްގައި ހަށިގަނޑަށް ރަނގަޅު އެއްޗެކެވެ. އަދި ހަމައެހެންމެ، އެޗްއޭ ފިލަރތަކަކީ އަނބުރާ ނެގޭ އެއްޗެހި ކަމަށްވާތީ، ނަތީޖާ ކަމުނުދާނަމަ އެ ނައްތާލެވިދާނެއެވެ.

 

ސައިޑް އިފެކްޓްތަކާއި ނުރައްކާތައް

މަޤްބޫލުކަން ބޮޑުކަމުގައިވީ ނަމަވެސް، ތުންފަތް ބޮޑުކުރުމުގައި ސައިޑް އިފެކްޓްތަކާއި ނުރައްކާތައް ހުރެއެވެ. އާންމު ނުވަތަ ވަގުތީ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ދުޅަވުން، ރަތްވުން، އަދި ރިއްސުން ހިމެނެއެވެ. މި ކަންކަން އާންމުކޮށް ދެތިން ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. ނަމަވެސް، މީގެ އިތުރުން ބޮޑެތި އުނދަގޫތައް ވެސް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި އިންފެކްޝަން، ގަނޑުލުން ، ދެތުންފަތް އެއްވައްތަރު ނުވުން، ނުވަތަ ”ވަސްކިއުލަރ އޮކްލޫޝަން “ (ފިލަރ ގެ ސަބަބުން ލޭ ހޮޅިއެއް ބަންދުވެ ހަށިގަނޑުގެ ޓިޝޫއަށް ގެއްލުން ލިބުން) ހިމެނެއެވެ. ހުނަރުވެރި ފަންނުވެރިއެއްގެ އަތުން ނުކުރެވިއްޖެނަމަ، މިކަމުގެ ސަބަބުން ޤުދުރަތީ ނޫން ނުވަތަ އައިބު ސިފައެއް އަތުވެދާނެއެވެ.

 

މިއީ ގެއްލުން ހުރި ކަމެއްތޯ؟

ލައިސަންސް ލިބިފައިވާ ފަންނުވެރިއެއްގެ އަތުން ކުރާނަމަ، ތުންފަތް ބޮޑުކުރުމަކީ އާންމުގޮތެއްގައި ރައްކާތެރި ކަމެއްގެ ގޮތުގައި ބެލެވޭ ނަމަވެސް، މިކަމުގައި ނުރައްކާތަކެއް ނެތެކޭ ނޫނެވެ. ދަށް ފެންވަރުގެ ފިލަރތައް ބޭނުންކުރުމާއި، ރަނގަޅު ނޫން ގޮތްގޮތަށް އިންޖެކްޓްކުރުމާއި، ނުވަތަ މާ އަވަސް އަވަހަށް ފިލަރ ޖެހުމުގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެންދާ ގެއްލުންތަކެއް ލިބިދާނެއެވެ. އޭގެ ތެރޭގައި ތުންފަތުގައި އަދި މޫނުމަތީގައި ނިޝާންތައް އުފެދުން، ދާއިމީކޮށް ދުޅަވެފައި ހުރުން، ނުވަތަ ތުންފަތުގެ ބައްޓަން ދާއިމީކޮށް ހަލާކުވުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް މީހުންނަށް އެލަރޖިކް ރިއެކްޝަން ކުރިމަތިވެދާނެއެވެ. ނަމަވެސް މިއީ މިކަހަލަ ފިލަރތަކުގައި ވަރަށް މަދުން ދިމާވާ ކަމެކެވެ.

ތުންފަތް ބޮޑުކުރުމަކީ ސިފަ ރީތިކޮށް، ކޮންފިޑެންސް އިތުރުކޮށްދޭ ކަމެއް ކަމުގައިވީ ނަމަވެސް، މިކަމުގައި އަޅާނުލާ ދޫކޮށްނުލެވޭނެ ނުރައްކާތަކެއް ވެސް އެބަހުއްޓެވެ. މި ފަރުވާ ހޯދުމުގެ ކުރިން، ޤާބިލު ފަންނުވެރިން ހޯދުމާއި، ލިބިދާނެ ސައިޑް އިފެކްޓްތައް ދެނެގަތުމާއި، އަދި ޙަޤީޤަތާ އެއްގޮތް އުންމީދުތަކެއް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިލަރތަކުން ވަގުތީ ރީތިކަމުގެ ފައިދާތަކެއް ލިބުނު ކަމުގައިވީ ނަމަވެސް، ރައްކާތެރިކަމަކީ އަބަދުވެސް އެންމެ އިސްކަން ދޭންޖެހޭ ކަމަކަށް ވާންޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!