އިންޑިއާގެ ދެކުނުގައި ހިމެނޭ ހަމްޕީ ސަރަހައްދުގައި ތަރި ބަލަން ދިޔަ ޓޫރިސްޓުންގެ ގްރޫޕަކަށް މާރޗް 6، ވަނަ ދުވަހުގެ ރޭ ތިން މީހަކު ހަމަލާދީ، އިޒްރޭލްގެ 27 އަހަރުގެ އަންހެން ޓޫރިސްޓަކު ރޭޕްކޮށްފިއެވެ.
މި ހަމަލާގައި ޓޫރިސްޓުންގެ ތެރެއިން އެކަކު ވަނީ ކޯރެއްގެ ތެރެއަށް ގަންބާލައި މަރައިވެސް ލާފައެވެ.
ފުލުހުން ބުނިގޮތުގައި މި ހަމަލާ ދީފައިވަނީ އިޒްރޭލީ ޓޫރިސްޓާއި، 29 އަހަރުގެ އިންޑިއާގެ ހޯމްސްޓޭ އޮޕަރޭޓަރަކާއި، އަދި އިތުރު ތިން ފިރިހެން ޓޫރިސްޓުން (އެމެރިކާގެ ޓޫރިސްޓަކާއި އިންޑިއާގެ ދެ ޓޫރިސްޓުން) ހިމެނޭ ގްރޫޕަކަށެވެ. ހަމަލާ ދިން މީހުން ތިން ފިރިހެން ޓޫރިސްޓުން ކޯރެއްގެ ތެރެއަށް ވައްޓާލާފައިވާއިރު، އޭގެ ތެރެއިން އޮޑިޝާއަށް ނިސްބަތްވާ އިންޑިއާ ޓޫރިސްޓަކު ވަނީ މަރުވެސް ވެފައެވެ. އެމެރިކާ މީހާ އަދި އަނެއް އިންޑިއާ ޓޫރިސްޓަށް ސަލާމަތްވެވުނެވެ.
ހަމަލާދިން ފަރާތްތަކުން ދެ އަންހެނުންނަށް ހަމަލާދީ ރޭޕްކޮށްފައިވާކަން ފުލުހުން ބުނެފައިވެއެވެ. މީގެތެރޭގައި އިޒްރޭލީ ޓޫރިސްޓާއި އިންޑިއާގެ ހޯމްސްޓޭ އޮޕަރޭޓަރު ހިމެނެއެވެ. ފުލުހުން މާރޗް 8 ގައި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އަދިވެސް އެކަކު ހޯދަމުންދާކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު މީހުންނަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާއިރު، އިޒްރޭލުގެ އެމްބަސީން މި މައްސަލައިގައި ގެއްލުން ލިބުނު އެ ގައުމުގެ ރައްޔިތާއަށް އެހީތެރިވުމަށް އިންޑިއާގެ އިދާރާތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުނެނެވެ. މި ހަމަލާއާ ގުޅިގެން އިންޑިއާގައި ޓޫރިސްޓުންގެ ސަލާމަތާ ގުޅޭގޮތުން ކަންބޮޑުވުންތައް އިތުރުވެފައިވެއެވެ.