އޭސީސީން ތަހްގީގް ކުރަނީ އަޒްމިރަލްދާ ސްޕާ މައްސަލައިގައި ފިރިހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަކަން ހާމަވެއްޖެ
ދެންމެ | 09 މާރޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ބަލަމުންދަނީ ދަށު ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަތަކެއް އޭސީސީން ބަލަން ފެށުމާއެކު އެ ފަނޑިޔާރުންވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރިނަމަވެސް ހަފްތާއެއްވެގެން ދިޔައިރުވެސް ފަނޑިޔާރުންނާ ގުޅިގެން ބަލަމުންދަނީ ކޮން މައްސަލައެއްކަން އޭސީސީން އަންގާފައެއް ނުވެއެވެ. އަދި އެބޭފުޅުންނަށް ކުރެވޭ ތުހުމަތުތައް ސާފު ކުރުމަށް ލިއުމުން ހުށަހެޅުމުންވެސް ޖަވާބެއް ނުލިބޭތީ ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން ވަނީ އެކަން ފާހަގަކޮށް ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، އޭސީސީން ހިންގަމުންގެންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށް، އަދި އެއަށްފަހު ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް މައްސަލަތަކެއް ކަމަށެވެ.

އަދި އެއީ ފަނޑިޔާރުންގެ މަސައްކަތާބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ޙާލަތެއްކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށްފައިވަނީ އޭސީސީން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެފައިވާއިރު، ފަނޑިޔާރު ސަސްޕެންޑުކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވާއިރު، އޭސީސީން އެ ފަނޑިޔާރާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއްކަންވެސް މިހާތަނަށް އަންގާފައިނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ތަފްސީލު ހޯދުމަށް އޭސީސީއަށް ލިއުމުން ހުށަހެޅުމުންވެސް މިހާތަނަށް އެ ތަފްސީލުތައް ދީފައިނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރަމުންދާކަމާމެދު ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.

ބަޔާނެއް ނެރުނުފަހުން އޭސީސީން ވަނީ އެ މައުލޫމާތުތައް ފަނޑިޔާރަށް ހިއްސާކުރައްވާފައެވެ. އެގޮތުން އޭސީސީންވެސް ބަލަމުންދަނީ ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަކަމަށް އަޒްމިރަލްދާގެ ވަކީލު ”ސަންގަށް“ ކަށަވަރު ކޮށްދެއްވިއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމީއެވެ.

އެކަމާ ގުޅޭގޮތުން ބަޔާނުގައި ބުނެފައިވަނީ، އެއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ދޮގު ތުހުމަތެއް ކަމަށާއި، އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅުއްވާފައިނުވާނެ ކަމަށެވެ. ޑރ އިސްމާއިލް ލަތީފް ޖިނާއީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުމުން، ބަންދުން ދޫކޮށްލުމަށް އެދި ނުފޫޒު ފޯރުވިކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ތުހުމަތުތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެކަމުގެ ތަފްސީލުތައް ފަނޑިޔާރު އަޒްމިރަލްދާވެސް ވަނީ ޖޭއެސްސީއަށް ސިޓީއަކުން ހިއްސާ ކުރައްވާފައެވެ.

ހަމައެއާއެކު، ޑރ އިސްމާއިލް ލަތީފްގެ މައްސަލައާ ގުޅުވައި ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާކަމަށް ބަޔާންކުރައްވައި ފަނޑިޔާރުގެ ފަރާތުން އޭސީސީއަށް 27 ފެބްރުއަރީގައި ވަނީ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް އޭސީސީން ނިންމާފައިވާކަންވެސް ފަނޑިޔާރުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭސީސީން އެގޮތަށް ނިންމީ ޝަކުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ ކުށެއް ފާހަގަވާން ނެތްކަމަށް ބުނެއެވެ.

އެހެންކަމުން ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ އެކަންކަމުގެ ސަބަބުން ފަނޑިޔާރަށް އިންސާފު ހޯދުމުގައި ހުރަސްތައް ކުރިމަތިވެފައިވާކަމަށް ބަޔާންކޮށް، ޤާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!