ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކޮށްފި
ދެންމެ | 09 މާރޗް 2025

ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ ކަރަންޓް އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 6 އިން 9 އަކާ ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސް، ހެނދުނު 9 އިން ފެށިގެން މެންދުރު 1 އާއި ހަމައަށް، ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ މިގަޑިތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވަނީ މި ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އެއީ އޮފީސް ގަޑިއަށްވުމާއެކުކަމަށެވެ.

އަދި މެންދުރު 1 އާއި ހަވީރު 5 އާއި ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަ ކުރެވޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ހަވީރު 5 އިން ފެށިގެން ރޭގަނޑު 7 ޖެހުމާއި ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

އެހެން ކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!