ފާޙިޝް ޢަމަލުތައް ކުރުން ކަމަށް ކިޔަނީ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަށެވެ. އެއީ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ޙަރާމް ކަމެކެވެ. ކޮންމެ މީހަކު ކުރިނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ.
އަހަރެން ދެކޭ ގޮތުގައި ފާޙިޝް ޢަމަލުތައް ކުރުމާއިބެހޭ ގޮތުން ފަތުރާ ބައެއް ވާހަކަތައް ފަތުރަނީ ލިބޭ މައުލޫމާތަށްވުރެ ބޮޑަށް އެމީހުން ޙާޞިލުކުރަން ބޭނުންވާ ބޮޑު މަޤްޞަދެއް ޙާޞިލުކުރުމަށެވެ. އެ މަޤްޞަދަކީ ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގާ އަނބިން އިންތިހާއަށް ގިނަ ކަމާއި އެއީ އެއްވެސް މައްސަލައެއް ނޫންކަން މީސްތަކުންނަށް ދެއްކުމެވެ.
އަހަރެންނަށްވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކުރެވިއްޖެއެވެ. ވަރަށް ގިނަ ޤަުމުތަކުގެ މީޙުންނާއި ބައްދަލުކޮށް ވާހަކަދެއްކިއްޖެއެވެ. ތަފާތު ދީންތަކުގެ މީހުންނާއިވެސް ވާހަކަ ދެއްކިއްޖެއެވެ. އެމީހުންގެ އަނބިން ހިލޭ ފިރިހެނުންނާއި އެހައި ގިނައިން ގުޅުން ހިންގާ ކަމަކަށް ނުބުނެއެވެ. އަދި އެފަދަ ކަންކަން އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަނުކުރަނީ މަދު މުޖުތަމައުތަކުގައެވެ. މުޖުތަމައުގައި ކަންބޮޑުވުން އޮންނަކަމެއް އެހައި ގިނަބައަކު ކުރާނެ ކަމަށް ބުއްދިއަށް ޤަބޫލެއް ނުކުރެވެއެވެ.
ފާހިޝް އަމަލުތައް ކުރުން ގިނަވަމުންދާކަމާއި ގިނަވާނެކަން އެއީ އެނގެން އޮތް ކަމެކެވެ. ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިހާރުވެސް ﷲ ތަޢާލާއަށް ބިރުވެތިވެ އެފަދަ ކަންކަން ނުކުރާ މީހުން ބައިވަރެވެ.
ހަމައެއާއިއެކު ފާހިޝް ޢަމަލުކުރާ ފިރިންގެ ވާހަކަ ހާމަކުރަނީ މަދުފަހަރަކުއެވެ. މިއީވެސް އެފަތުރާ މައުލޫމާތުގެ ޞައްޙަކަމާއިމެދު ސުވާލުއުފެދޭ ކަމެކެވެ. ހަމައެކަނި އަނބިންގެ ވާހަކަ އެހައި ގިނައިން އެދައްކަނީ ކީއްވެގެންހެއްޔެވެ؟ ފާހިޝް ޢަމަލުތައް ކުރާ ހުރިހާ އަނބިން އެކަންކުރަނީ އެކަނިވެރި، ނުވަތަ ކައިވެނިނުކުރާ ފިރިހެނުން ބަލައިހޯދައިގެންހެއްޔެވެ؟
ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންވީ ދުނިޔޭގެ ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށް ކަމެވެ. ކިތަންމެ ގިނަ ބައަކު ފާފަކުރިނަމަވެސް ޢަޛާބު ދެއްވަވާނެކަމެވެ. ނަރަކައަކީ ފުރޭނެ ތަނެއް ނޫން ކަމެވެ. ތިމާއަށް އޮތް އެންމެ މުހިންމު ކަމަކީ ތިމާ ނަރައިން މިންޖުވުންކަމެވެ. ނަރަކައިން މިންޖުވެވޭނީ ފާފަކުރުމާއި ދުރުހެލިވެގެންކަމެވެ.
ވީމާ މިހާރަކަށް އައިސް އެކިއެކި ދިރާސާތައް ކުރުމަށްފަހު 80،90 އިންސައްތަ އަނބިން ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގާކަމަށް ބުނެ ފަތުރާ ވާހަކަތަކާއިމެދު ފުންކޮށްވިސްނައިލަން ޖެހެއެވެ. އެމީހުން ފަތުރާ އެފަދަ ވާހަކަތައް ޤަބޫލުކޮށް މަޅީގައި ނުޖެހޭށެވެ. ވިސްނާލަންވީ ކަންކަން މިކިޔައިދިނީއެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން