އިދިކޮޅު ފަރާތްތަކުން އޯޓިސްޓިކް ކުދިންނަށް މަލާމާތް ކުރުން ކުރީގެ ނައިބު ރައީސް ފައިސަލް ކުއްވެރި ކޮށްފި
ދެންމެ | 25 މާރޗް 2025

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވެފައިމިވަނީ ރާއްޖެ ޓީވީން ”ކާލާ ބައިސާ“ ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އޯޓިސްޓިކް ކުދިންނާއ ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ފުރައްސާރަކޮށް، އެފަދަ ކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ދެއްކި ވާހަތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއް ނޫން ކަމަށާއި އެއީ ތަހުޒީބު މުޖުތަމަޢެއްގައި ބަލައިގަންނާނެ ކަމެއްވެސް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެފަދަ އަމަލުތަކުން އެނގެނީ، އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނާއި އެކުދީންގެ އާއިލާތަކުން ތަޙައްމަލުކުރާ ކަންކަން ރަނގަޅަށް އިޙްސާސްވެސް ނުކުރެވޭކަން ކަމަށްވެސް ވިދާޅުވި އެވެ.

”ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އިޙްތިރާމް އިސްކުރައްވާ،“ ފައިސަލް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރު ދެއްވި ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ޕާޕާ ވިދާޅުވީ ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ.

”ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ [ރައީސް މުޢިއްޒަކީ] އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން.“ ޕާޕާ ވިދާޅުވެފައިވެ އެވެ.

އެއާ ވިއްދައިގެން ޖޯކު ޖައްސަަވައި މޮސްޓާ ވިދާޅުވީ ރައީސްގެ ”އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ.“ ކަމަށެވެ.

އެ ދެ މީހުންގެ ވާހަކަތަކާ ގުޅިގެން ޝޯގެ ޕްރެޒެންޓަރު ހުސައިން ރަމީޒް އެ މީހުންނާ އެއްބައިވެ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް ހީ ހަދާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!