އިންތިހާބްގެ އުސޫލު އެމްޑީޕީން އާއްމްކޮށްފި
ދެންމެ | 10 މެއި 2022

14 މެއި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުން، ވޯޓުލާ މަރުކަޒުގައި ކުރިއަށް ދާނެގޮތުގެ އުސޫލު އެ ޕާޓީއިން އިއުލާންކޮށްފިއެވެ.

އެމްޑީޕީން އިއްޔެ ނެރުނު މި އުސޫލުގައި ވާގޮތުން، ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން އެމަރުކަޒަށް ލިބުނު ވޯޓު ކަރުދާސް ތައް ކެނޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދު އިއުލާން ކުރަންވާނެއެވެ. އަދި ވޯޓުލާން ދާ މީހާގެ ވަނަވަރު ކަށަވަރުކޮށް އޭނާގެ މައުލޫމާތު ސައްހަތޯ ބަލައި އެކަންވެސް އިއުލާން ކުރަންވާނެކަމަށް އެ އުސޫލުގައި އަންގާފައިވެއެވެ.

އެމްޑީޕީން ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓު ކަރުދާހުގެ ފޮޓޯނެގުމާއި،  ވޯޓުލުމަށްފަހު ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުމާއި،  ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ހިންގުމާއި، ވޯޓުލާ ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހަކަށް ދެއްކުމާއި، އަދި އެ ކަރުދާސް ހިފައިގެން ބޭރަށް ދިޔުމާއި، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން އެ އުސޫލުގައި ވާގޮތުން، އިންތިހާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ ކަމާއި ވޯޓު ގުނަން ފެށުމުގެ ކުރިން ވޯޓުލާ މަރުކަޒުގައި ޖާގަ ހުރި މިންވަރަކުން އެތަނަށް ވަންނަން ބޭނުން ކެންޑިޑޭޓުންނާއި، މަންދޫބުންނާއި އާއްމު މެމްބަރުންނަށް ފުރުސަތު ދޭންވާނެއެވެ. ވޯޓު ގުނާ ނިމުމުން ނަތީޖާ އިއުލާންކޮށް އެ ނަތީޖާ ފެންނަގޮތަށް ހަރުކޮށްފައި ބަހައްޓަން ވާނެކަމަށްވެސް  އެ އުސޫލުގައި ބުނެފައިވެއެވެ.

އެ އުސޫލުގައިވާގޮތުން ބާތިލް ވޯޓެއް ގޮތުގައި ގުނާނީ ގަވާއިދާ ހިލާފަށް ދީފައިވާ ވޯޓުކަން އެނގޭ ވޯޓާއި އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓާއި އިންތިހާބުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓާއި އިންތިހާބާ ބެހޭ ކޮމިޓީން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓާއި ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގަ ޖަހާފައިވާ ވޯޓުގެ އިތުރުން ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ ވޯޓެވެ.

ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!