މިސާލަކަށް ތިބާއަކީ އިފްތާރެއްގެ ދަޢުވަތުދޭ މީހާ ނަމަ، ވަކި ކަންތައްތަކަކަށް ސަމާލުކަން ދޭންވާނެއެވެ. އެގޮތުން:
ކުރިޔާލާ ދަޢުވަތު ދިނުން: ރޯދަވީއްލުމެއް އެބައޮތްކަން ކުރިޔާލާ އެފަރާތްތަކަށް އެންގުމުން، އެމީހުންގެ ޝެޑިއުލް ތަންދޭ މިންވަރު ކުރިޔާލާ އެނގޭނެއެވެ. އެ ދުވަހަކަށް ހުސްވެ، ރޯދަވީއްލުމަށް ދާން ތައްޔާރުވާން އެނގޭނެއެވެ. އެންމެ ފަހު ވަގުތުގައި ބުނުމުން، އެފަރާތްތަކަށް އައުމަށް ދަތިވުމަކީ ވެދާނެކަމެކެވެ. އެއީ އެެހެން ޕްލޭންއެއް، މާކުރިން ރާވާފައި އޮވެދާނެތީއެވެ.
އެންމެނަށް ކެވޭ ކަހަލަ ތަކެތި ހިމެނުން: އިފްތާރުގެ ސުފުރާމަތީގައި، އެ ދަޢުވަތު ލިބިގެން އަންނަ މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކެވޭނެ ކަހަލަ ތަކެތި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. ބައެއް މީހުން، ބައެއް ކާތަކެއްޗަށް އެލާޖިކް ވާނެއެވެ. ނުވަތަ ވަކިކަހަލަ އެއްޗެއް ކާން ބޭނުން ނުވެދާނެއެވެ. އެހެންކަމުން، ކޮންމެ މީހަކަށްވެސް ކެވޭނެ ތަކެތި ދެނެގަނެ، އެއާ އެއްގޮތަށް ތަކެތި ތައްޔާރުކުރުމުން، އެންމެނަށްވެސް ރޯދަވީއްލޭނެކަމުގެ ޔަޤީންކަން އޮންނާނެއެވެ.
މާހައުލު ޒީނަތްތެރިކުރުން: ރޯދަވީއްލުމަށް އަންނަ ތަން ރީތިކޮށް ޒީނަތްތެރިކޮށްލުމުން، އެ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާނެއެވެ. އަދި ވަރަށް ރަނގަޅަށް، ފުރިހަމަ ތައްޔާރީތަކެއް ވެފައިވާކަން އެނގޭނެއެވެ. އެގޮތުން މާހައުލު ބާއްވަން ވާނީ ސާފުތާހިރުކޮށްފައެވެ.
ގަޑިއަށް ސަމާލުކަން ދިނުން: ރޯދަވީއްލުމަށް ހާޒިރުވާންވީ ސީދާ ގަޑިއެއް އެފަރާތްތަކާއި ހިއްސާ ކުރެވިފައި އޮންނަންވާނެއެވެ. މިސާލަކަށް، ބަންގި ގޮވަނީ 6:20ގައި ކަމުގައިވާނަމަ، ރޯދަވީއްލާތަނަށް އަންނަންވީ 5:45ގައި ކަން، ސާފުކޮށް ބުނެދޭންވާނެއެވެ. އެންމެން ހަމަވެ، ހަމަޖެހިލައިން ރޯދަވީއްލުމަށް ތައްޔާރުވެވޭނީ އޭރުންނެވެ.
އެކީގައި ރޯދަވީއްލުމުން އައު ހަނދާންތަކެއް އުފެއްދޭނެއެވެ. މަޖާ ވަގުތުކޮޅެއް ހޭދަކުރެވި، ހިތްހަމަޖެހުމާއި ހަމަޖެހުން ލިބޭނެއެވެ. އަދި އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަވެ، ބަދަހިވާނެއެވެ. ގްރޫޕް އިފްތާރަކީ އޭގައި އިސްރާފުކުރުމާއި، އިސްލާމްދީނަށް ފުށުއަރާ ކަންތައްތައް ނުހިމެނޭނަަމަ، އެއްވަނައިގެ ކަމެކެވެ.