ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރު ކޮށްފި: ރައީސް
ދެންމެ | 27 މާރޗް 2025

ޓޫރިޒަމް ހިދުމަތްދޭ ތަަންތަނުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ފެށި ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ އަދަދަކީ ކުރިން ބޭންކްތަކަށް މާރުކުރާ އަދަދަށްވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް ފަރާތްތަކުން އެގޮތަށް އަމަލުކުރާ ކަމަށް ވިދާޅުވި އެވެ.

”ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިއްޔާ [ގާނޫނު ތަންފީޒު ކުރާނަން]، އެފަރާތްތަކާ އެކީގައި މަސައްކަތް ކުރަމުން މިދަނީ. ވަރަށް އެއްބާރުލުން ވެސް ލިބޭ ހުރިހާ ފަރާތްތަކެއްގެ. މީގެ ނަތީޖާއަކަށް ވާނީ ޓޫރިޒަމް ދާއިރާ ކުރިއަރާ މިންވަރަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ޓާގެޓުތަކަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތް،“ އެމަނިކުފާނު ވިދާޅުވި އެވެ.

ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށްފަހު އެއަށް އަމަލުކުރަން ފަށައިފަ އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.

”ކެޓެގަރީ ބީ“ ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ބޭންކްތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވި އިރު، އެކަމާ ގުޅިގެން ޑޮލަރުގެ ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ޔޫޒަބަލް ރިޒާވްގައި 179 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަދި ރަސްމީ ރިޒާވް ވަނީ 832 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ރައީސް ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ލިބޭނެ ގޮތް ހެދުމާއި ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކުރުމަށް ވެސް އޭގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ. އަދި މިހާތަނަށް ޑޮލަރުގެ ތާށިކަމާ ހެދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށާއި ނަމަވެސް މިއަހަރުގެ މެދު ތެރޭގައި އެކަން ހުއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”މި އަހަރުގެ މެދަކާ ހަމައަށް ދާއިރު އެއްގޮތަކަށް ވެސް ޕެރެލަލް މާކެޓުން އެސްއޯއީތަކުން ނުގަންނާނެ ޑޮލަރެއް. އެވެސް ވަރަށް ބޮޑުތަކުން ޑޮލަރުގެ ރޭޓު ވެއްޓޭނެ ކަމެއް،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!