އެއީ އެކުވެރިއެކެވެ. އަވަށްޓެރިއެކެވެ. ކުޑައިރުންސުރެ އެކުގައި ކުޅެއޅުނު އެކުވެރިއެކެވެ. އަޅުގަނޑުމެންގެ ގެއަށް އައިސް އުޅެއެވެ. އަޅުގަނޑުވެސް އެގެއަށް ގޮސް އުޅެމެވެ. މައިންބަފައިންގެ މެދުގައިވެސް ގާތް އެކުވެރިކަމެއް އޮވެއެވެ.
ކޮންމެއަކަސް ބޮޑުވެގެން އަޅުގަނޑަށް ކައިވެނިކުރެވުނީ އޭނާ އާއިއެވެ. ކައިވެންޏަށް އަހަރުވީތަނާ ބަލިވެއިނދެއްޖެއެވެ. ބަނޑަށް 7 މަހަށް އޮއްވައި ފިރިމީހާ އާއި އަޅުގަނޑުގެ ދޮށީ ދައްތައާއި ދެމެދުގައި ދެކެވުނު ވާހަކައެއްގެ އަޑުއިވުމުން އެނގުނީ އެދެމީހުންނަކީ ލޯބިވެރިންކަމެވެ. އަދި އޭނާ އަޅުގަނޑާއި ކައިވެނިކުރުމުން ދައްތަ ހުންނަނީ ވަރަށް ބޮޑަށް ޙަސަދަލައިގެން ކަމެވެ.
އެކަން އެނގުމުން ދައްތަ އެކަނި ހުއްޓައި އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮންނަކަން ނުއެނގޭ ކަމަށާއި އެނގުނު ނަމަ ކައިވެނި ނުކުރީމުސް ކަމަށް ބުނެ ތެދަށް ކިޔައިދިނުމުންވެސް ދައްތަ ޤަބޫލެއް ނުކުރިއެވެ. ރުޅި އައިސްގެން އަޅުގަނޑަށާއި ބަނޑުގައި އޮތް ދަރިފުޅަށް ބަދުދުޢާވެސް ކުރިއެވެ.
އެދުވަހު ވަރަށް ދެރަވިއެވެ. ހިތުގައިވެސް ޖެހުނެވެ. ނަމަވެސް ހިތަށް އެރީ ލޯތްބަކީ އެފަދަ ކަމެއް ކަމަށާއި އެވަރަށް ލޯބިވެވިފައިވާނަމަ ނުބައި ބަސްވެސް ބުނެވިދާނެ ކަމަށެވެ. އެހެންވެ ދައްތައަށް މާފުކުރީމެވެ. ހިތަކު އެއްވެސް އެއްޗެއް ނުބާއްވަމެވެ.
ވިހައި ގަދަވުމުން ފިރިމީހާގެ ގާތުގައި ބުނެގެން ރީތި ގޮތުގައި ވަރިވީމެވެ. އަދި ދައްތަ އާއި ގުޅިގެން އުޅެން ބުނީމެވެ. 2 އަހަރުވަންދެން އެކަނި އިނދެފައި ދެވަނަ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިއައީއެވެ. ގެއިން ދިއަތަނާ ދައްތަ އާއި އޭނާ އާއި ދެމީހުން ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމުން ހެޔޮދުޢާވެސް ކުރީމެވެ. ދައްތައާއި ބާއްވަންޖެހޭ ގުޅުންވެސް ބޭއްވީމެވެ.
ދެން މިބުނަނީ މިވާހަކަ ކިޔައިދިނުމުގެ ބޭނުމެވެ. ދައްތައަށް ބަލިވެ އިނދެ ފުރަތަމަ ލިބުނު ދަރިފުޅުވީ ކަރުހަރުނުލާ ކުއްޖަކަށެވެ. ވަރަށް ދަތިޙާލުގައި ބަލަމުންގޮސް ރަނގަޅުވީ ޢުމުރުން 8 އަހަރުވީފަހުންނެވެ.
ދައްތަ އެދުވަހު އަޅުގަނޑަށާއި ދަރިފުޅަށް ކުރި ބަދުދުޢާ އެނބުރި ގޮސް ޖެހުނީކަމަކަށް ނުބުނާނަމެވެ. އެކަން ދެނެވޮޑިގެންވާނީ ﷲ އެވެ. ނަމަވެސް ކަންކަން ހިނގައި ދިއައީ މިގޮތަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަންނަ ރުޅީގައި ބަދުދުޢާކުރުން ފަދަ ކަންކަން ނުކުރާށެވެ! އެނބުރި ތިމާއަށް ޖެހުމަކީވެސް ހިނގަމުން އަންނަ ކަންކަމެވެ. ޢިބްރަތް ޙާޞިލްކުރާށެވެ!