އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މީހާ ހައްޔަރުކޮށްފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މި މަހުގެ މެދުތެރޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށް ފަހު އެ ރޭ ދަންވަރު އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު މަންދީގެ އިތުރުން އިތުރު މީހެއްގެ ގަޔަށް ވެސް ކަޅުތެޔޮ ޖެހި އެވެ.
”ރަސް“އަށް އެނގިފައިވާ ހޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ދާންދޫ/ ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (20އ.) އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނާގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި އިންޒާރު ދިނުމުގެ ތުހުމަތެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ސައިކަލު ދުއްވިކަމަށް އިންކާރު ނުކުރާ ކަމަށް ވެސް ރިޝްމާހު ބުނި ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި ރިޝްމާހު 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ރޭވުމުގައި އުޅޭކަމަށް ފުލުހުން ކުރި ތުހުމަތުތަކަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ވެސް ރިޝްމާހު ހައްޔަރުކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް އެކަށީގެންވާ ހެއްކެއް ނެތް ކަމަށާއި އަދި ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ބަންދުގައި ރިޝްމާހު ނުބެހެއްޓޭނެކަމަަށް ބުނެ މިިދިޔަ މަހު ކްރިމިނަލް ކޯޓުން ރިޝްމާހު ބަންދުން ދޫކޮށްލީ އެވެ.