ސިޙުރާއި އެސްފީނާއިން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީވެސް ކުރެއްވެން އޮތް ކަމެކެވެ. ޢަމަލުކުރައްވަން މަސައްކަތްކުރައްވާށެވެ!
މީސްތަކުންގެ ޙަސަދަވެރިކަން ބޮޑުވެ ސިޙުރާއި އެސްފީނާ ޢާންމުވެފައިވާވަރުން އެކަންކަމުން ސަލާމަތްވެހުރެވެނީ ކާކަށްކަން އެނގުންވެސް މިއަދު މިވަނީ މައްސަލައަކަށްވެފައެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ އެކަންކަމުން ރައްކައުތެރިވާން ކުރެވެންހުރި މަސައްކަތްތައް ކުރުމެވެ.
ސިހުރާއި އެސްފީނާއިން ސަލާމަތްވުމަށް މިހާބޮޑަށް މަސައްކަތްކުރަން ޖެހިފައިވާއިރު އެންމެ ފުރަތަމަ ބަލައިލަންވީ އެންމެ ފަސޭހައިން ކުރެވެން ހުރި ކަންކަމަށެވެ. އެގޮތުން ބަލައިފިނަމަ ވީހައި ގިނައިރު ވުޟޫމަތީގައި ދެމިހުރުމަކީ އެސްފީނާ އާއި ސިހުރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ.
ވުޟޫމަތީގައި ހުރުމަކީ އެކަމަށް މަސައްކަތްކޮށްފި މީހަކަށް އެހައި ބުރަކަމެއް ނޫނެވެ. މުހިންމީ އެމީހަކަށް ވެވުނުވަރަކުން ވީހައި ގިނައިރު ވުޟޫމަތީގައި ދެމިހުރުމެވެ.
ވުޟޫ މަތީގައި ގިނައިރު ދެމިހުރުމަކީ ނިޢްމަތުން ފުރިގެންވާ ކަމެކެވެ. އެހެނީ ރަސޫލް ﷺ ކުރެއްވެވި މިޢްރާޖް ދަތުރުފުޅުގައި ސުވަރުގެއިން ބިލާލްގެފާނުގެ ފައިންޕުޅުގެ އަޑުފުޅު އިވިވަޑައިގެންފައިވާތީ ބިލާލްގެފާނަށް އެ ޝަރަފް ލިބިވަޑައިގެންނެވި އަމަލަކާއިބެހޭ ގޮތުން ރަސޫލް ﷺ ސުވާލުކުރެއްވެވުމުން ވިދާޅުވީ ފާޚާނާ ކުރައްވާ ކޮންމެ ފަހަރަކު ވުޟޫކުރައްވަވާ ކަމަށާއި އަބަދުވެސް ހުންނަވަނީ ވުޟޫމަތީގައި ކަމަށެވެ.
ހަމައެއާއިއެކު ގިނަގިނައިން ވުޟޫ ކުރުމަކީ މަތިވެރި އަޅުކަމެކެވެ. ވުޟޫ ކުރެވޭ ގުނަވަންތައް ޤިޔާމަތް ދުވަހު ހުންނާނީ ﷲ ތަޢާލާގެ ނޫރުފުޅުން ދިއްލިފައެވެ. އެއްވެސް އަލިކަމެއް ނުލިބި އޮންނަ ޤިޔާމަތް ދުވަހު ޞިރާޠުމަގު ހުރަސްކުރަން އެ ގުނަވަންތައް އަލިކޮށްދޭނެއެވެ.
ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އަށް މިއުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ އެއް ސަބަބަކަށް ވެސް ވުޟޫ ކުރާ ގުނަވަންތައް ދިއްލިފައި ހުރުން ވެގެންދެއެވެ. ވީމާ އެންމެ ފުރިހަމައަށް ވުޟޫ ކުރުމުގެ މުހިންމުކަން މިކަމުންވެސް އެނގިގެންދެއެވެ.
ނަމާދަށް ބަންގި ގޮވުމާއި ޤަމަތް ދިނުމާއި ދެމެދު ލިބޭ ވަގުތުކޮޅު ކުޑަކަމުން ކިތަންމެ އަވަސް އަރައިގެން ވުޟޫ ކުރި ނަމަވެސް ގުނަވަންތަކުގައި ފުރިހަމައަށް ފެންޖައްސާށެވެ. ނަމާދުގެ ޞައްޙަކަން ވަނީ ވުޟޫކުރުމުގެ ޞައްޙަކަމާއި ގުޅިލާމެހިފައި ކަމަށްވާތީއެވެ.
–އިސްލާމީ ތިލަފަތުގެ ދަރުސަކުން