ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އީދު ސަލާމް ކުރައްވައިފި އެވެ.
އީދު ނަމާދަށްފަހު، ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރަން، ގިނަ އަދަދެއްގެ އާންމުން ވަނީ ރިޔާސީ ގަނޑުވަރު މުލިއާގެއަށް ގޮސްފަ އެވެ. އޭގެތެރޭގައި އެކި އުމުރު ފުރައިގެ މީހުން ހިމެނެ އެވެ.
އާންމުން އިތުރުން، ހެނދުނު 9:00 އިން 11:00 އަށް ކުރިއަށްދިޔަ ހަރަކާތުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދައުލަތުގެ ބައެއް ވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއަދު ހަވީރުން ފެށިގެން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އީދު ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސޭހަކުރުމުގެ ގޮތުން، މިއަދު ހަވީރު 4:00 އިން ފެށިގެން ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
އީދު ދުވަހުގެ ތަހުނިޔާ މެސެޖުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ކަަމަށެވެ.
އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސަނީ ވެސް އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިއަދު މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަަމަށެވެ. ހާއްސަކޮށް އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފާކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށް ވުމެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް އީދު ދުވަސް ވުން މުހިންމެވެ،“ ރައީސްގެ އީދުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވި އެވެ.