ހުވަދު އަތޮޅު 6 ރަށެއްގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅައިފި
ދެންމެ | 30 މާރޗް 2025

ހުވަދު އަތޮޅުގެ 6 ރަށެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅައިފިއެވެ.

މިއަދު އެރަށްރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ހުވަދުއަތޮޅު އުތުރުބުރީ އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބިންގާ އަޅުއްވައިދެއްވާފައިވަނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގައެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ 2026ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.

ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފަވާއިރު މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ޒޯންތައް ބަހާލައިގެން އަންނަނީ ޑިޕްލޮއިކުރަމުންނެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!