އެއް މާނައެއްގައި އެއްވެސް މީހަކީ ނިކަމެތި މީހެއް ނޫނެވެ! އެހެނީ ކޮންމެ މީހަކީވެސް ﷲ ތަޢަލާގެ އަޅެކެވެ. ކޮންމެ މީހަކަށްވެސް ހުރެވޭނީ އެމީހަކަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޙާލަތެއްގައެވެ. ވީމާ އެއްވެސް މީހަކީ ނިކަމެތި މީހަކު ކަމަށް ދެކެގެން ނުވާނެއެވެ.
ކަން މިހެން އޮތް ނަމަވެސް އަމިއްލަ ބޭނުންތައް ފުއްދައި ނުލެވި ދަތިޙާލުގައި އުޅެންޖެހިފައިވާނަމަ އެއީ ނިކަމެތިންކަމަށް އެބަ ބަލަމުއެވެ. މިޙާލަތުގައި ނިކަމެތިން ކަމުގައި އަހުރެން މާނަ މިކުރަނީ ޙަޤީޤީ ނިކަމެތިންނެވެ. އެއީ ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ އަޅުތަކުންގެ ތެރެއިން ބޭނުންތައް ނުފުދި އެހެން މީހުންގެ އެހީތެރިިކަމަށް އެދެން މަޖުބޫރުވެފައިވާ މީހުންނެވެ. ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނެވެ.
އެފަދަ މީހުންނަށް ފުރަގަސްދީ، ޖަވާބުނުދީ، އެމީހުންނާއި ކުރިމަތިނުލައި އުޅޭ މީހުންނަކީ ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެގެންވާ ބައެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
ތަނަވަސްކަމާއި ބާރު ދެއްވަވަނީ ﷲ ތަޢާލާއެވެ. ތިބާއަށް ތަނަވަސްކަމާއި ބާރު ދެއްވަވާފައިވާނަމަ އެކަންކަން މިންވަރުކޮށްދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ. އެކަންކަން ތިބާއަށް މިންވަރު ނުކުރެއްވެވިނަމަ ތިބާވެސް ވެގެންދާނީ ހަމަ އެފަދަ ނިކަމެތިންގެ ތެރެއިންނެވެ.
ނަމަވެސް ގިނަ ބައަކަށް އެކަންކަމެއް ނުވިސްނެއެވެ. ތަނަވަސްކަން ލިބިއްޖެނަމަ ވެވެނީ ޤާރޫނަކަށެވެ. ޤަބޫލުކުރެވެނީ މިއީ ތިމާގެ މޮޅުކަމުން ހޯދައިގަނެވުނު ތަނަވަސްކަމެއް ކަމުގައެވެ. ބާރެއް ދެއްވަވައިފިނަމަ ވެވެނީ ފިރިއަޢުނަކަށެވެ. ހީކުރެވެނީ އެޢިއްޒަތުގައި ތާއަބަދަށް ދެމިހުރެވޭނެ ކަމަށެވެ.
މީސްތަކުންނޭވެ! މިހުންނަނީ ހާދަހައިވާ ނުބައިކަންބޮޑު ވިސްނުންތަކެވެ. މިފަދަ ސިފަތައް ހުރިނަމަ އަވަހަށް ތައުބާވާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދިގެން ދުޢާކުރުން ގިނަކުރާށެވެ.
ނިކަމެތިންގެ ބޭނުންތައް ފުއްދައިދޭށެވެ. އެމީހުންނަށް ހިތްހަމަޖެހުން ހޯދައިދޭށެވެ. ނިކަމެތިންނަށް ހެޔޮކޮށްހިތައި ނިކަމެތިންގެ ހިތްހަމަޖައްސައިދިނުމަކީ އެމީހަކަށް އިމެއް މިނެއް ނެތި ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެ ކަމެކެވެ. އުފާވެރިކަން ދެއްވަވާނެތެވެ. ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވާނެތެވެ.
ހަމަ އެއާއިއެކު ނިކަމެތިންގެ ދުޢާއަށް ސަމާލުވާށެވެ! އެމީހުންގެ ހެޔޮދުޢާއިން ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. އެމީހުންގެ ބަދު ދުޢާ ލިބޭނަމަ އެމީހަކު ނިކަމެތިކުރައްވަވާނެތެވެ. މިހުރީ އެނގެން ހުރި ޔަޤީންކަންކަމެވެ. އިން ޝާ ﷲ
– މުފްތީ މެންކުގެ ދަރުސަކުން