ރައީސް ޑރ. މުއިއްޒަކީ މިގައުމަށް އެންމެ އަމާނާތްތެރި ރައީސް: ފަލާހް
ދެންމެ | 31 މާރޗް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިގައުމަށް އެންމެ އަމާނާތްތެރި ރައީސް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްފޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އީދުގެ މުނާސަބާގައި ސަރުކާރުން ހިންގި ހަރަކާތްތަކަށް ލިބުނު ތަރުހީބާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމާއި އީދު ހަވީރުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދީފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ މި ގައުމުގެ ވީރާނާވެ ގެއްލިފައިވާ އިޖްތިމާއީ އެއްބައިވަންތަކަމާއި ގައުމީ ލޯބި އަނބުރާ ގެނެސްދެވޭނެ ރައީސަކީ ރައީސް މުއިއްޒުކަން މިއަދު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އަދި އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްޔިތުން ”ސަޅި“ ޖަވާބެއް ދީފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ މި ގައުމު ދެކޭނެ މި ގައުމަށް އެންމެ އަމާނާތްތެރި އެންމެ އޯގާތެރި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ.

ފަލާހު މިހެން ވިދާޅުވެފައިވާއިރު ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ ސަލާމް ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، މަޖިލީސް މެމްބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ.

މީގެ އިތުރުން ”ޢީދު ހަވީރު“ ގެ ނަމުގައި ސަރުކާރުން އިސްނަގައިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!